ސްރީލަންކާއަށް އެހީވުމުގެ ޓެލެތޯނަށް 6.6 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބިއްޖެ
ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ދިވެހިރާއްޖޭގެ މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 6.6 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާކަމަށް ރަސްމީ މަޢުލޫމާތުތަކުން ދައްކައެވެ.
މި ޓެލެތޯން ފެށިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށްވާއިރު، އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް، މިއަދުގެ މެންދުރުފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 12 ޖެހުމާއާ ހަމައަށް 6,655,662 ރުފިޔާ ވަނީ ލިބިފައެވެ. މި ފައިސާގެ ތެރޭގައި 6،003،289 ދިވެހި ރުފިޔާ އާއި 42،307 އެމެރިކާ ޑޮލަރު ހިމެނެއެވެ. މި އަދަދުތަކުން ދައްކައިދެނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަވަށްޓެރި ޤައުމަށްޓަކައި އޮތް އޯގާތެރިކަމާއި އެއްބައިވަންތަކަމެވެ.
Ads by BMLމީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ސީދާ ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މާލޭގެ އެކި ސަރަޙައްދުތަކާއި ޓީވީ ބިލްޑިންގގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ކުރިން އާދިއްތަ ދުވަހުގެ މެންދަމު 1:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވީނަމަވެސް، އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިހާރުވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ. މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު ވަޒަންވެރިކަމުން އެއްވެސްކޮށް، އެހީތެރިކަމަށް ބޭނުންވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިކާރިސާގައި ލިބުނު ގެއްލުންތައް ބޮޑުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. ދެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅެއްގައި އެކުވެރި ޤައުމަކަށް އެހީތެރިވުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ފެންނަ ގާތްކަމާއި ހެޔޮ ކަމުގެ ރަމްޒެކެވެ.
Ads by MACL
