ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަށް ބޮޑު ބަދަލެއް: 2027 އިން ފެށިގެން އައު އުސޫލު

ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަށް ބޮޑު ބަދަލެއް: 2027 އިން ފެށިގެން އައު އުސޫލު

އަންނަ 2027 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޔުނިފޯމުގެ އަގު ބޮޑުވުމާއި، ބެލެނިވެރިންނާއި ސްކޫލްތަކުން ކުރި ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، ޔުނިފޯމާ ގުޅޭގޮތުން ހުރި މޮނޮޕޮލީ ނައްތާލުމުގެ މަގު ފަހިކުރުމަށެވެ.

މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަށް ގައުމީ ދިދައިގެ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ކުލަ ކަމަށްވާ ނޫކުލަ ހިމެނޭހެން ޖުމްލަ ހަތަރު ކުލަ ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލާއެކު ދަރިވަރުންގެ ޔުނިފޯމުގެ މަތީ ބައި ނުވަތަ ގަމީސް، ސްކޫލްތަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޔުނިފޯމުގެ އަގުހެޔޮކޮށް، އޭގެ ވިޔަފާރީގެ މޮނޮޕޮލައިޒްކުރުން ހުއްޓުވުމަކީ މި ބަދަލުގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުން ޔުނިފޯމާ ގުޅޭގޮތުން ސްކޫލްތަކަށާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ ގިނަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަލަށް ހަމަޖެއްސި އުސޫލާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުން އެ ސްކޫލެއްގެ ޔުނިފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނުވަތަ މަޑު ފެހި ނުވަތަ މަޑު ރަތް ކުލައޭ ނިންމޭނެ ކަމަށެވެ. ނަމަވެސް ޔުނިފޯމުގެ ތިރީ ބައި ނުވަތަ ފަޓުލޫނު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބަދަލުތަކާއެކު ވެސް 90 އިންސައްތަ ސްކޫލުގެ ޔުނިފޯމް ބަދަލުކުރަން ނުޖެހޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންހެން ދަރިވަރުންގެ ޔުނިފޯމަށް ވެސް މި ޕޮލިސީގެ ދަށުން މުހިންމު ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، ޔުނިފޯމް އެޅުމަށް ގިނަ އިޚްތިޔާރުތަކެއް ލިބިގެންދާނެއެވެ. ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި، ސްކާޓު ލާން ބޭނުންވާ ކުދިންނަށް ވެސް އެ ޖާގަ ދެން ފަހިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދަރިވަރުންގެ ހިތްހަމަޖެހުމާއި ކޮމްފޯޓަށް އިސްކަންދިނުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ރަސްމީ ޔުނިފޯމަށް އަންނަ ބަދަލުތަކާއެކު ސްޕޯޓްސް ޔުނިފޯމަށް ވެސް ކުދިކުދި ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން ސްކޫލް މާހައުލުގައި ދަރިވަރުންނަށް އިތުރު މިނިވަންކަމާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.