ލަންކާއަށް އެހީވުމަށް ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
ލަންކާއަށް އެރި ބާރުގަދަ ތޫފާނާއެކު އެގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކަށް އެހީތެރިވުމަށް ރާއްޖެއިން ހިންގަމުންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް ދިވެހި ސިފައިން (އެމްއެންޑީއެފް) ގެ ފަރާތުން އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކޮށްފި އެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ސްޓޫޑިއޯގައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެހީގެ ރަމްޒީ ޗެކް ހަވާލުކުރެވުނުއިރު، މިއީ ލަންކާއަށް ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިން ދެމުންދާ އެހީތެރިކަމުގެ ބޮޑު ބައެކެވެ.
ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއެކު "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި މި ޚާއްސަ ޓެލެތޯން ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން މިއަދުގެ 2 އާ ހަމައަށް ކުރިއަށްދާނެއެވެ. ބާރުގަދަ ތޫފާނުގެ ސަބަބުން ލަންކާއަށް ލިބިފައިވާ ގެއްލުންތައް ބޮޑުވެ، އެހީތެރިކަމަށް އެގައުމުން އެދިފައިވާއިރު، ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ޓެލެތޯން ވަނީ ފަށާފައެވެ.
Ads by BMLސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނީ މިއަދު ހެނދުނުއެވެ. މިކަމަށްޓަކައި ޓެލެތޯން ކުރިއަށްދާ ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސިފައިންގެ ފަރާތުން ފޯރުކޮށްދިން އެހީގެ ރަމްޒީ ޗެކް ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ވަނީ ބަލައިގެންފައެވެ.
މިހާތަނަށް "ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް 10,743,125.84 ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓަށް 43,631.31 ޑޮލަރު ލިބިފައިވާކަމަށް ޓެލެތޯން އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި ޓެލެތޯނުގައި ބައިވެރިވެ، ލަންކާއަށް އެހީވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން، ކިއުއާރު ކޯޑު ސްކޭންކޮށްގެންނާއި، ނަގުދު ފައިސާ، ޓްރާންސްފަރ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރުމުގެ ފަސޭހަ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
މި ބޮޑު ހެޔޮ ކަމުގެ މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ޖުމްލަ 37 މީޑިއާ އެއްވެސް އިރުކޮޅެއް ނެތި މަސައްކަތް ކުރުމާއެކުގައެވެ.
Ads by MACL
