ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޅ. ޖާވާ ފަޅުގައި ތަރައްޤީކުރި ނަލަ މޯލްޑިވްސް ރިސޯޓު ރަސްމީކޮށް ހުޅުވައިފި

ޅ. ޖާވާ ފަޅުގައި ތަރައްޤީކުރި ނަލަ މޯލްޑިވްސް ރިސޯޓު ރަސްމީކޮށް ހުޅުވައިފި

ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ "ނަލަ މޯލްޑިވްސް ރިސޯޓު" ރަސްމީކޮށް ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓައި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ، ޒުވާން އުމުރުފުރާގެ ފަތުރުވެރިންނަށް ޚާއްސަކޮށް، މޮޅު ތަޖުރިބާތަކެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ޒަމާނީ ރިސޯޓެކެވެ.

މި ރިސޯޓަކީ ޖުމްލަ 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 20 ސަންރައިޒް ވިލާ، 22 ސަންސެޓް ވިލާ، 30 އޯވަރ ވޯޓަރ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއްވެސް ތަރައްޤީކޮށްފައިވަނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކަކާއެކު، ޒަމާނީ ފަރުމާއަކަށެވެ.

ކެއިން ބުއިމުގެ އިންތިޒާމުތަކަށް ބަލާލާއިރު، އެކި ކުއިޒީންތަކަށް ޚާއްސަކޮށްގެން ޖުމްލަ 3 ރެސްޓޯރެންޓް ރިސޯޓުގައި ހުޅުވާފައިވެއެވެ. މީގެ ތެރޭގައި އިންޓަރނޭޝަނަލް ބުފޭ ރެސްޓޯރެންޓަކާއި، ގްރީކްގެ ކެއުންތަކަށް ހާއްސަކޮށްފައިވާ ރެސްޓޯރެންޓަކާއި، އޭޝިއަން ކެއުންތަކަށް ހާއްސަކޮށްފައިވާ ރެސްޓޯރެންޓެއް ހިމެނެއެވެ. މީގެ އިތުރުން، ހަމައެކަނި 2 ގަޑިއިރަށް ހުޅުވާފައި ހުންނަ "ބަބުލްސް ބަރ" އިންވެސް ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

ޒުވާން އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މި ރިސޯޓުގައި، އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުންވެސް މޫދު ކުޅިވަރުތަކަށް ޚާއްސަކޮށްގެން ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ރިސޯޓުގައި ހަދާފައިވެއެވެ. ރިސޯޓުން ބުނީ މިކަމަށްޓަކައި ރިސޯޓުގެ ވަށައިގެންވާ 50 ސަރަޙައްދެއްގައި ޑައިވްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

ފަތުރުވެރިން ހިތްހަމަޖައްސާލާ، ރިލޭކްސް ކޮށްލުމަށް "ސުލްހަ ސްޕާ"ގެ ނަމުގައި ޒަމާނީ ސްޕާއެއްވެސް މި ރިސޯޓުގައި ވަނީ ހުޅުވާފައެވެ. މި ސްޕާގައި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބަހައްޓާފައިވާ ތާމަލް ވޯޓަރ ސްޕާރ ބެޑްސްތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، މި ސްޕަރ ބެޑްސްތަކުން ފަތުރުވެރިންނަށް ޕަރސަނަލައިޒްޑް ޓްރީޓްމެންޓްސް ދޭނެކަމަށް ރިސޯޓުން ބުނެއެވެ. މީގެ އިތުރުން، މި ސްޕަރ އިން ފުލް ބޮޑީ ރެޑް ލައިޓް ޓްރީޓްމެންޓްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓު ތަރައްޤީކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް ރިސޯޓުން ހާމަކުރެއެވެ.

ނަލަ މޯލްޑިވްސް ރިސޯޓަކީ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި އެންމެ ފަހުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. މިހާރުވެސް މި ކުންފުނިން ރާއްޖޭގައި 11 ރިސޯޓެއް ދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ.