"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށް ވުރެ ގިނަ ރުފިޔާ!
ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ދިވެހި މީޑިއާތައް ގުޅިގެން ހިންގި ”ސިލޯނާއިއެކު ދިވެހިން“ ޓެލެތޯނަށް، 12 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ މި ޓެލެތޯނަށް ޖުމްލަ 12,341,466.62 (ބާރަ މިލިޔަން ތިންލައްކަ ސާޅީސް އެއްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް ރުފިޔާ ފަސްދޮޅަސް ދެ ލާރި) ރުފިޔާ ލިބިފައިވާކަމަށް އޮޑިޓް ޕާޓްނަރ ކްރޯ މޯލްޑިވްސްއިން ވަނީ ހާމަކުރައްވާފައެވެ.
މި ޓެލެތޯނަށް ޖުމްލަ ލިބުނު ފައިސާގެ ތެރޭގައި 11,553,291.10 ރުފިޔާ، 51,088.31 އެމެރިކާ ޑޮލަރު އަދި 20 ޔޫރޯ ހިމެނެއެވެ. ޓެލެތޯންގެ ފަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު، ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހާ މަސައްކަތެއްކޮށްފައިވަނީ އޮފިޝިއަލް އޮޑިޓް ޕާޓްނަރ ކްރޯ މޯލްޑިވްސްގެ ފަރާތުންނެވެ. ކްރޯއިން ވިދާޅުވެފައިވަނީ، ގުނި ހުރިހައި ފައިސާތައް ބޭންކް އޮފް މޯލްޑިވްސްއަށް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
Ads by BMLކްރޯ މޯލްޑިވްސްއިން ވަނީ މި ޓެލެތޯންގެ މަސައްކަތް ޕީއެސްއެމްއިން ކޮށްފައިވަނީ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތަށްކަމަށް ފާހަގަކޮށްފައެވެ. އެ ކުންފުނިން ވިދާޅުވީ، ”މުޅި ފަންޑް މެނޭޖްކުރުމާއި އަދި ފަންޑް ރެއިޒްކުރުމުގައި ޕީއެސްއެމްއިން މަސައްކަތްކޮށްފައި މިވަނީ ކްރޯއިން ކަނޑައަޅާފައިވާ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން،“ މިފަދައިންނެވެ.
މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް، ކުންފުނިތައް، ކުލަބު ޖަމިއްޔާތައް، އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބީއެމްއެލްއިން ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ހަމަޖައްސައިދިންއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން ވެސް ފައިސާ ވަނީ ނަގާފައެވެ.
މި ޓެލެތޯނަށް ފުލުހުންގެ ފަރާތުން 2.4 މިލިޔަން ރުފިޔާ ހަދިޔާކުރިއިރު، މިއީ ޓެލެތޯން މެދުވެރިކޮށް ފައިސާ ހަދިޔާކުރުމުގެ ވަގުތު ހަމަވިއިރު ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
Ads by MACL
