ޤާޟީ ފާއިޒު މަޤާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ޤާޟީ ޙުސައިން ފާއިޒު ރަޝާދު ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޤާޟީ ފާއިޒު ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދާ ގުޅިގެން ޤާނޫނާ ޚިލާފަށް ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށްފަހުއެވެ. މި ނިންމުމާއެކު، ޤާޟީ ފާއިޒު މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ޖަލްސާގެ ތަޅަމަށް ހުށަހެޅޭނެއެވެ.
ޤާޟީ ފާއިޒު މަޤާމުން ވަކިކުރެއްވުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ފާހަގަކުރެއްވީ، ކޮމިޓީން ބަލަންޖެހޭ ހަމައެކަނި ކަމަކީ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ކަމަށާއި ޖޭއެސްސީން ފޮނުވި ލިޔެކިޔުންތަކުން އެކަން އެނގޭ ކަމަށެވެ. މީގެއިތުރުން ޤާޟީ ފާއިޒު މިކަމާ ގުޅިގެން ރަސްމީކޮށް މަޖިލީހަށް އަދި އެހެން ތަނަކަށްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއަޝްރަފް ރަޝީދުގެ މި ހުށަހެޅުއްވުމާއެކު، ޤާޟީ ފާއިޒު މަޤާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅަމަށް ފޮނުވުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ތާއީދުކުރެއްވިއެވެ. ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރައްވާފައިވަނީ، އެއްވެސް މެންބަރެއްގެ ދެކޮޅު ހެދުމެއް ނެތިއެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާގޮތުން، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ޤާޟީ ފާއިޒު ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށްފައިވެއެވެ. މި ތަޙުޤީޤުން، ޤާޟީ ފާއިޒުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޢަމަލުތައް އޭނާ ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ފާހަގަކުރެއެވެ.
ޤާޟީ ފާއިޒުގެ ޢަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް ޢަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ، އެ މީހަކު މަޤާމަށް ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާ ފަދަ ޢަމަލެއް ކޮށްފައިވާކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވިގެންނެވެ. އެފަދަ ހާލަތެއްގައި، ޖޭއެސްސީން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ. މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ނޫނީ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
Ads by MACL
