ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ޙަވާލުކޮށްފި

ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ޙަވާލުކޮށްފި

ސްރީލަންކާއަށް ކުރިމަތިވި ތޫފާން ޑިޓްވާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު 800،352 އެމެރިކާ ޑޮލަރު (12 މިލިއަން ރުފިޔާ) މިއަދު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. މި ފައިސާއަކީ ލަންކާގެ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރައްޔިތުންނާއި ކުންފުނިތަކުގެ އެހީއާ އެކު އެއްކުރެވުނު އަދަދެކެވެ.

މި ޓެލެތޯނަށް ޖުމުލަ 800،352 އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ފައިސާ ފޮރިން މިނިސްޓްރީއާ ޙަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު މެންދުރު ބޭއްވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި ފައިސާއާ ޙަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއެވެ. ޕީއެސްއެމްގެ ފަރާތުން މި ފައިސާ ޙަވާލުކުރެއްވީ އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.

ފައިސާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކުން ގޮވާލި ކޮންމެ ފަހަރަކު ދިވެހިން އެހީވާނެކަން މި ކަމުން ސާބިތުވެއްޖެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޑރ. ޚަލީލް ވަނީ ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާފައެވެ. ޓީވީ ޓެލެތޯންގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެކަން ވަޒީރު ހާމަކުރެއްވިއެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގެ މީޑިއާތައް ގުޅިގެން މި ޓެލެތޯން ކުރިއަށް ގެންދިޔައިރު، ސަރުކާރުން ވަނީ ލަންކާއަށް އެހީވުމަށް 50,000 އެމެރިކާ ޑޮލަރާއި 25,000 މަސްދަޅު ކޭސް ފޯރުކޮށްދީފައެވެ. މި ހުރިހާ އެހީތެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާ ދީލަތިކަމާއި އެކުވެރިކަން ދައްކުވައިދޭ ކަމެކެވެ.

ސައިކްލޯން ދިތްވާ އާއި އެއާ ގުޅިގެން އައި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ލަންކާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަރުވި މީހުންގެ އަދަދު 410 އަށް އަރާފައިވާއިރު، 336 މީހުން އަދިވެސް ވަނީ ގެއްލިފައެވެ. މި ހާދިސާގެ އަސަރު 25 ޑިސްޓްރިކްޓެއްގެ 1.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ އަދި އެހީގެ މަސައްކަތްތައް ލަންކާގައި ދަނީ ބާރަށް ކުރިއަށެވެ. ބައިނަލްއަޤްވާމީ އެހީތެރިކަން ލިބެމުންދާ އިރު، ޔޫއޭއީ އާއި އިންޑިއާ ފަދަ ގައުމުތަކުން ވަނީ އިންސާނީ އެހީގެ ތަކެތި ފޮނުވާފައެވެ. ލަންކާ ސަރުކާރުން ވަނީ ބޭރުގެ އެހީތެރިކަން އަވަހަށް ގައުމަށް ގެނައުމަށްޓަކައި، އެހީގެ ތަކެތި ޑިއުޓީ ނުނަގައި ކްލިއަރ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.