ފުވައްމުލަކުގެ ނޮވެންބަރު މަހުގެ ފެން ބިލު ނުކުރަން ފެނަކައިން ނިންމައިފި
މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ފުވައްމުލައް ސިޓީއަށް ފެނުގެ ޚިދުމަތް ދިނުމުގައި ދިމާވި ދަތިތަކާ ގުޅިގެން، އެ މަހުގެ ފެނުގެ ބިލު ނުކުރުމަށް ސަރުކާރު ހިއްސާވާ ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފިއެވެ.
މި ނިންމުން އައީ ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މަހު ފުވައްމުލައް ސިޓީގައި ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރިއަށް ދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރ ދަށްވުން ފަދަ މައްސަލަތަކާ ކުރިމަތިވި ކަމަށެވެ. އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.
Ads by BMLފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށާއި، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ފެނަކައިން ވަނީ އިއުލާންކޮށްފައެވެ.
ރައްޔިތުންނަށް ދިމާވި މި ދަތިތަކަށް ރިޢާޔަތްކޮށް، ނޮވެންބަރު މަހުގެ ފެން ބިލު ނުކުރުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. މީގެ އިތުރުން، ފެނުގެ ޚިދުމަތަށް ދަތިވެފައި ހުރި ދަނޑިވަޅުގައި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފެނަކައިން ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
Ads by MACL
