ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަޢުދީ އެހީތެރިކަން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރޭ: ރައީސް މުޢިއްޒު 

ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމެންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާރާ އަލް ސަޢީދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމެންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާރާ އަލް ސަޢީދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުމުގައި ސަޢުދީ ޢަރަބިއްޔާއިން ދެމުން އަންނަ އެހީތެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ އެހީތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާރާ އަލް ސަޢީދުގެ އިސްވެރިކަމުގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެޤައުމުގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިސްވެރިންގެ ވަފުދަކާ އެކު ކުރިއަށް ގެންދެވި އިޙުތިރާމުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓާއި، އަމިއްލަ ކުންފުނިތައް ކުރިއެރުވުމާއި، އިޤުތިޞާދީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އާޓިފިޝަލް އިންޓަލެޖެންސްއާއި، މަޢުލޫމާތާއި ފަންނިއްޔާތުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މި ދާއިރާތަކުން ދެ ޤައުމަށް ވެވޭނެ އެހީތެރިކަމާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދުވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ޒަމާންވީ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ތަރައްޤީ ކުރުމުގެ މަސައްކަތަށް ސަޢުދީ ސަރުކާރުން ވެދެއްވި އެހީތެރިކަން ވަރަށް ޚާއްޞަކޮށް ފާހަގަކުރައްވައި، ރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއަށް އެހީގެ މުހިންމުކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ސަޢުދީގެ ވަފުދުން ވަނީ، ރާއްޖެއިން ކީ ހޫނު މަރުޙަބާއާއި ދިވެހި ސަރުކާރުން ދެއްވި ހެޔޮ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ފަރާތުންވެސް ތައްޔާރަށް އޮތްކަން މި ބައްދަލުވުން ނިންމަވާލައްވަމުން ވަފުދުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ސަޢުދީގެ ވަފުދާއެކު ދިވެހިރާއްޖެ - ސަޢުދީ އިންވެސްޓްމަންޓާއި ގުޅޭ ވަށްމޭޒު ބައްދަލުވުމެއްވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިދާރާތަކާއި، އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެ، އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

މި ޒިޔާރަތަކީ ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ. މީގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުމަށާއި، އާ އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދުމަށް ދޮރު ހުޅުވޭނެ ކަމަށް އުންމީދު ކުރެވެއެވެ.