ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ތާޖުއްދީން ސްކޫލްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް މި ބައްދަލުވުމަށް ދަޢުވަތު އަރުވާފައިވާ ކަމަށެވެ.
Ads by BMLމި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. މާލެއަށް ޚާއްސަކޮށް ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ސީދާ އަޑު އަޑުއެހުމަށް މިފަދަ ބައްދަލުވުންތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު މި ބައްދަލުވުންތަކުގައި ލިބިގެންދެއެވެ.
މާލޭގެ ހުރިހާ އަވަށްތަކުގައި ވަކިވަކިން މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިހާތަނަށް ވަނީ ވިލިމާލެ އަދި މައްޗަންގޮޅިގެ ރައްޔިތުންނާއެކު މިފަދަ ބައްދަލުވުންތައް ބާއްވާފައެވެ. އެ ބައްދަލުވުންތަކުގައި ވެސް ރައްޔިތުން ވަނީ ގިނަ ޚިޔާލުތަކަކާއި، އެބައިމީހުން ކަންބޮޑުވާ މުހިންމު ކަންތައްތަކެއް ރައީސަށް ހުށައަޅާފައެވެ.
މި ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް، މާލެ ސަރަޙައްދަށް ޢަމާޒުކޮށް ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކުގެ ތަފްސީލްތައް ވެސް ޙިއްސާކުރައްވާފައެވެ. މި ސިލްސިލާގެ ދަށުން މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ރައީސް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މިއީ ސަރުކާރުގެ ސިޔާސަތުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
Ads by MACL
