"ދަ ޓްރެވެލް ގައިސް" ގެ ވެރިޔާއަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު: 30 ދުވަހަށް ބަންދުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 'ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް' ގެ ވެރިޔާ ހުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް އޭނާއަށް ކުރެވެމުންދާއިރު، ސަނީ ހައްޔަރުކުރެވުނީ ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅެނިކޮށް ފުލުހުންގެ ހަރަކާތަކުންނެވެ.
ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާއެއްގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ ހޯމަ ދުވަހު ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ. ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކުރީ އެ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ.
Ads by BMLއޭނާ ފުރަތަމަ ހައްޔަރުކުރުމަށް ފަހު އިއްޔެ ދޫކޮށްލުމުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.
Ads by MACL
