ލަންކާއަށް އެހީވުމުގައި ރާއްޖެއިން ދެއްކި އެއްބައިވަންތަކަމަށް ލަންކާ ރައީސް ޝުކުރުއަދާކުރައްވައިފި
ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނު 'ދީތުވާ'ގެ ސަބަބުން އެ ގައުމުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާތެރި ހާދިސާތަކުގައި މިހާތަނަށް 465 މީހުން މަރުވެ، 366 މީހުން ގެއްލިފައިވާ ދަނޑިވަޅެއްގައި، ރާއްޖެއިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއިން ދީލަތިކަމާއެކު ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުންނެވެ.
ތޫފާނު 'ދީތުވާ' އާ ގުޅިގެން ސްރީލަންކާގެ އެތައް ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މި ހާދިސާތަކުގެ ސަބަބުން އެގައުމުގެ 1.1 މިލިޔަން މީހުން ހާލުގައި ޖެހިފައިވާއިރު، އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. މީގެ އިތުރުން 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
Ads by BMLދިވެހީންނާއި ލަންކާގެ ރައްޔިތުންނާ ދެމެދުގައި ޒަމާނުންސުރެ ގާއިމުވެފައިވާ ގާތް ގުޅުމެއް އޮވެއެވެ. ލަންކާއަކީ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އާންމުކޮށް ގޮސް އުޅޭ ގައުމެއް ކަމަށްވާއިރު، ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ވެސް ކުރެއެވެ. މި ހާލަތުގައި ދިވެހި ރައްޔިތުން އަންނަނީ އެކި ގޮތް ގޮތުން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
https://twitter.com/anuradisanayake/status/1996199034881745312?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1996199034881745312%7Ctwgr%5E9504adbae7b5dbae7d606b16bb489560aeb6ccb3%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F214822
އެގޮތުން، ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ ޓެލެތޯންގައި އެކަނިވެސް، އަށް ލައްކަ ޑޮލަރަށްވާ ވަރަށް ފައިސާ ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ 50,000 ޑޮލަރާއި 25,000 މަސް ދަޅު ކޭސް ހަދިޔާ ކުރަން ވެސް ނިންމައިފައެވެ. މި ދީލަތި އެހީތެރިކަމަކީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާގެ ރައްޔިތުންނަށް ބެހެއްޓެވި އޯގާތެރިކަމުގެ ހެއްކެއް ކަމަށް ލަންކާގެ ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑިސަނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެއް ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާއާ ދެމެދުގައި ޒާމާނުންސުރެ ގާއިމު ވެފައިވާ ގާތް ގުޅުމުގެ ވަރުގަދަކަން ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by MACL
