ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ: ފެނަކަ

ލ. ގަން ---
ލ. ގަން ---

ލ. ގަމުގެ ތުނޑީގައި ހުންނަ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައި، ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން، މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މި ހާދިސާގައި އިންޖީނުގޭގެ އެއް ޖަނަރޭޓަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު ލ. ގަން ތުނޑީގައި ހުންނަ ފެނަކަ އިންޖީނުގޭގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި، 15:50 އެހާކަންހާއިރު އަލިފާން ނިއްވާލެވިފައިވެއެވެ. ފެނަކައިން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. ނަމަވެސް އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން ހާމަކުރެއްވި ގޮތުގައި، މި ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވެއެވެ. މިހާތަނަށް ކުރެވުނު މުޅި ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށެވެ. އަދި އަލިފާނުގެ ސަބަބުން އިންޖީނުގޭގެ ޕެނަލްތަކަށްވެސް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ، ފެނަކައިގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މިގޮތުން، މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ އިން ވިދާޅުވިއެވެ. އަދި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި، މިހާރު އެރަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައި ވެއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ވިދާޅުވިއެވެ. ފެނަކަ އިން ވަނީ މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދި، މިފަދަ ދަނޑިވަޅުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.