ދިތުވާ ތޫފާނުން ގެއްލުންލިބުނު ލަންކާއަށް އެމެރިކާއިން 2 މިލިއަން ޑޮލަރުގެ އެހީ
ދިތުވާ ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް އެހީވުމުގެ ގޮތުން އެމެރިކާއިން ދެ މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މި އެހީގެ މަޤްސަދަކީ ތޫފާނުގެ ސަބަބުން ދިމާވި ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ލަންކާ ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޑިޕާޓްމެންޓް އޮފް ވާގެ ސްޓްރެޓީޖިކް އެއާލިފްޓް ކެޕޭސިޓީ ވެސް އެމެރިކާ ސަރުކާރުން ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީވާނެއެވެ. މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ މަންދޫބުން ވަނީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ލަންކާ ސަރުކާރާއި ރިލީފް އޯގަނައިޒޭޝަންތަކާ ގުޅިގެން މަސައްކަތް ފަށާފައެވެ.

Ads by BMLސައިކްލޯން ދިތުވާގެ ސަބަބުން އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާ ގުޅިގެން އެމެރިކާއިން ވަނީ ލަންކާގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައެވެ. މި ބާރުގަދަ ތޫފާނާއި ގުޅިގެން ލަންކާގައި މަރުވި މީހުންގެ އަދަދު 450 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ގެއްލުން ލިބުނު މީހުންގެ ޖުމްލަ އަދަދު 1.5 މިލިއަނަށް އަރައެވެ. އަދި ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދު 232،757 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިން ވަނީ ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސްރީލަންކާ ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި އެހީތެރިކަމަކީ ކާރިސާއިން އަރައިގަތުމަށް ކުރާ ދިގު މަސައްކަތުގައި މުހިންމު ބާރެއް ކަމަށް އެމެރިކާގެ ފަރާތުން ފާހަގަކުރެއެވެ.
Ads by MACL
