ގަމުގައި އަލިފާން ރޯވި އިންޖީނުގޭގެ ބަދަލުގައި މުޅިން އައު އިމާރާތެއް އެޅުމަށް ފެނަކައިން ނިންމައިފި
ލ. ގަމުގެ ސެންޓްރަލް ޕަވަރ ހައުސްގައި އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ބާ އިމާރާތުގެ ބަދަލުގައި މުޅިން އައު އިމާރާތެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. މި މަސައްކަތް ކުރިއަށް އޮތް ހަފްތާ ބަންދުގައި ފަށައި، ރަމަޟާން މަހުގެ ކުރިން ނިންމުމަށް އަމާޒުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ނަޖާހް ވަނީ ވިދާޅުވެފައެވެ.
އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ހިނގިއިރު، ރޯވި އިންޖީނުގޭގެ ބާ އިމާރާތުގައި ޖުމްލަ ފަސް އިންޖީނުގެ ތެރެއިން ދެ އިންޖީނު ހިންގަމުން ދިޔައެވެ. އަލިފާން ރޯވުމުގެ ސަބަބުން ގަމުގެ ތިން އަވަށަކުން ކަރަންޓު ކެނޑުނު ނަމަވެސް، ރޭގެ ވަގުތެއްގައި ވަނީ ހުރިހާ ހިސާބުތަކަށް ވެސް ކަރަންޓު އަލުން ދީފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ނަޖާހް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އިމާރާތަށް ކަމަށާއި، އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް އެ ދެ އިންޖީނުގެ ތެރެއިން އެކެއް އިންޖީނަށް އެއްވެސް ގެއްލުމެއް ނުވާކަމަށާއި، އަނެއް އިންޖީނަށް ލިބިފައިވާ ކުދިކުދި ގެއްލުންތައް މިހާރު ގާތްގަޑަކަށް ހައްލުކޮށްފައިވާ ކަމަށް ނަޖާހު ފާހަގަކުރެއްވިއެވެ.
Ads by BMLނަޖާހު ވިދާޅުވީ، ހަލާކުވި އިމާރާތް ހުރި ތަނުގައި މުޅިން އައު އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް ފެށުމަށްޓަކައި މި ހަފްތާ ބަންދުގައި ފެނަކައިގެ އިތުރު ޓީމްތައް ގަމަށް ގޮސް، އަމަލީ މަސައްކަތް ފަށާނެއެވެ. އަލިފާނުގެ ސަބަބުން ބައެއް ކޭބަލްތަކަށް ވެސް ގެއްލުންވެފައިވާތީ، އެ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
މިވަގުތަށް ކަރަންޓު ފޯރުކޮށްދިނުމަށް އެއްވެސް މައްސަލައެއް ނެތްކަމަށް ނަޖާހް ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ ހަރުދަނާކޮށް ކުރިއަށް ގެންދަމުންނެވެ.
Ads by MACL
