ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބު 4 އެޕްރީލް ގައި ބޭއްވުމަށް އިޢުލާންކޮށްފި
އިލެކްޝަންސް ކޮމިޝަނުން (އީސީ) އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިންތިޚާބު 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މި އިންތިޚާބަށް ބޭނުންވާ އޮފިޝަލުންނާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އިންތިޚާބާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ދުރާލާ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7,000 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 21 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީން ވިދާޅުވިއެވެ.
Ads by BMLއޮފިޝަލުންގެ އިތުރުން، އިންތިޚާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ. މިގޮތުން ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކަށް މުވައްޒަފުން ބޭނުންވެއެވެ. މި މަގާމުތަކަށް އެދި ހުށަހެޅުމަށް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ކުރުމަށް އީސީން އިލްތިމާސް ކުރައްވައެވެ.
އިންތިޚާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މުހިންމު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ވެސް އީސީން ވަނީ ނިންމަވާފައެވެ. މިގޮތުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައި 12 އަތޮޅެއްގެ 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ވޯޓުލުމުގެ މުހިންމުކަމާއި އިންތިޚާބާ ގުޅޭގޮތުން އެނގެންޖެހޭ މައުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.
މި ހޭލުންތެރިކުރުމުގެ ސެޝަންތައް ނަގައިދިނުމުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، މިނިވަން މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް ބައިވެރިވާނެކަމަށް އީސީން ވިދާޅުވިއެވެ. އަދި މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެސް އިންތިޚާބާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެކަމަށް އެ ކޮމިޝަނުން އިތުރަށް ހާމަކުރެއްވިއެވެ.
Ads by MACL
