ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާނުވާ ބަންދުގެ ތަފްސީލް ރައީސް ހާމަކުރައްވައިފި: ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުން

ރައީސުލްޖުމްހޫރިއްޔާ މާފަންނު ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ޕީއެސްއެމް ނިއުސް
ރައީސުލްޖުމްހޫރިއްޔާ މާފަންނު ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ޕީއެސްއެމް ނިއުސް

ޝަރީއަތް ނިމެންދެން ބަންދުގައި (ވާނުވާ ބަންދު) މިވަގުތު ތިބި 347 މީހުންގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ހާމަކުރައްވައިފިއެވެ.

މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މި 347 މީހުންގެ ތެރޭގައި ގިނައީ މީހުން މެރުން، ޓެރަރިޒަމް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލަ މީގެކުރިން އޮތީ އެއްގޮތަކަށްވެސް ވާނުވާ ނޭނގޭ މައްސަލައެއްގެ ގޮތުގައެވެ. މިކަމަށް މެދުވެރިވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ހަމަނުޖެހި އޮތުމުން ކަމަށާއި، މައްސަލަތައް ފުނިޖެހި، ޝަރީއަތްތަކަށް ހުރަސް އެޅިފައި ހުރުމަކީ އޭގެ ނަތީޖާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން، މި ދެ ކޯޓު ހިންގާނެ އެކަށީގެންވާ ތަންތަން ހަމަޖައްސައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ވާނުވާގައި ތިބި މީހުންގެ ޝަރީއަތް ކުރެވޭނެ ދުވަހާއި، މި މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެކުރިން ކެޕޭސިޓީ ނެތުމުން ނުބެލިފައި ހުރި ކަންތައްތައް މިހާރު ހައްލުވަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ހާމަކުރެއްވި ތަފްސީލްތަކަށް ބަލާއިރު، ވާނުވާ ބަންދުގައި ތިބި 347 މީހުންގެ ތެރެއިން 29 މީހުންނަކީ މީހުން މަރާފައިވާ ކަމުގެ ތުހުމަތުގައި ތިބި މީހުންނެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 117 މީހުން ހިމެނެއެވެ. މީގެއިތުރުން، މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި 70 މީހުންނާއި، ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި 116 މީހުން ވާނުވާ ބަންދުގައި އެބަތިއްބެވެ.

އަދި މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރުބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން އަދި ސްމަގްލް ކުރުންފަދަ އެހެނިހެން ބޮޑެތި މައްސަލަތަކުގެ ތުހުމަތުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބަންދުގައި އެބަތިއްބެވެ. މިކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ސުވާލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ. މިކަމުގެ ސަބަބުން ދިގުދެމިފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބި، ރައްޔިތުންގެ އިތުބާރު ކޯޓުތަކަށް އަލުން އިޔާދަވާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.