އައްޑޫން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮސްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން، އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގެ އިސް ފަރާތްތަކެއް ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ. މި ނެޓްވޯކް މެދުވެރިކޮށް ފާއިތުވި ފަސް އަހަރު ތެރޭ 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައެވެ. ހައްޔަރުކުރެވުނު މީހުންނަކީ ސ. ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނާ ގޮތުގައި މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
Ads by BMLމިގޮތުން، ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުކަން ހާމަވާ ނަންބަރެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް، ހާފިޡު ފައުޒީ، އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ޙަސަން ޢަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މިފަދަ ނެޓްވޯކްތައް ނައްތާލުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
Ads by MACL
