ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމަކީ ސިޔާސީ އެކްޓިވިޒަމް: ރައީސް މުއިއްޒު
ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމަކީ ހަގީގީ ނޫސްވެރިކަން ނޫންކަމަށާއި، އެއީ ސިޔާސީ އެކްޓިވިޒަމްކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ވަކި ފަރާތަކަށް ބުރަވެ ޚަބަރާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަން ނޫންކަމަށާއި އެއީ ސިޔާސީ އެކްޓިވިޒަމްކަމަށެވެ.
ސަރުކާރުން ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާކަމަށް ނޫސްވެރިއަކު ތުހުމަތުކުރުމުން، އެބައްދަލުވުމުގައި ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އަސާސީ ހަމަތަކަށް އަލިއަޅުއްވާލައްވަމުންނެވެ.
Ads by BMLމާފަންނުގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ވަނީ އަދުގެ ސަރުކާރުން ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާކަމުގެ ތުހުމަތުކުރައްވާފައެވެ. މި ތުހުމަތަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުޞަތުދޭ ސަރުކާރެއް ނެތްކަމަށެވެ. އެމަނިކުފާނު ވަނީ ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށް ޚާއްސަ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާފައިވާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފުރުޞަތުތައް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިކަމަކީ ނުހަނު ޕްރޮޕެޝަނަލް އަދި ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ނޫހަކުން 'ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެކޭ' ރަސްމީކޮށް ބައްދަލުވުމެއްގައި ވިދާޅުވުމުން ޕްރޮޕެޝަނަލިޒަމް ގެއްލި، އެއީ ނޫސްވެރިކަން ނޫންކަން އެނގިގެންދާނެއެވެ. އެފަދަ ކަންކަމަކީ ސިޔާސީ އެކްޓިވިޒަމްކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، 'މިހެން މި ދަންނަވަންޖެހުނީ އަޅުގަނޑާއި އެކީގައި އެންމެ ފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެންމެގައި އަޅުގަނޑާއި ސުވާލުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރ ނުވަތަ އިސްވެރިޔާ ވިދާޅުވީ ތިމަންނަމެންގެ ނޫހަކީ ސަރުކާރާއި ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ނޫހެކޭ. އެހިސާބުން އޭގެ އަންބަޔަސްކަން ގެއްލުނީ. ވަކި އަތަކަށް ޖެހިފައި އެވަނީ. އެހެންވީމަ އެ ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާއިރަކު ދެން ލެންސް އިންނާނީ އިދިކޮޅު ލެންސެއް. ހަމައެކަނި ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް' އެވެ.
ރައީސްގެ ވިދާޅުވުމުގައި، ނޫސްވެރިކަމަކީ ފެކްޓާއިއެކު ގެނެސްދޭންޖެހޭ އެއްޗެއްކަމަށާއި، ދެފަރާތް ހަމަހަމައަށް ބަލައިގެން ހަޤީގަތް ހާމަކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ތަކުރާރުކުރެއްވީ، ސިޔާސީ އެޖެންޑާއަކަށް ޚިދުމަތްކުރުމުގެ ބަދަލުގައި، ނޫސްވެރިންގެ އަސާސީ މަސްއޫލިއްޔަތަކީ ހަގީގަތް ހާމަކުރުން ކަމުގައެވެ.
Ads by MACL
