ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަހަރު ނިންމާލަނީ ދެއްވަދޫ ޒުވާނުންނާއި ކުޑަކުދިންނަށް ހިތްގައިމު ވޯޓާޕަކާއިއެކު!

ދެއްވަދޫގައި ގާއިމްކޮށްފައިވާ ވޯޓާ ޕާކު---ފޮޓޯ: ދެއްވަދޫ ކައުންސިލް
ދެއްވަދޫގައި ގާއިމްކޮށްފައިވާ ވޯޓާ ޕާކު---ފޮޓޯ: ދެއްވަދޫ ކައުންސިލް

ގއ. ދެއްވަދޫގެ ޒުވާނުންނާއި ކުޑަކުދިންނަށް މިއަހަރު ނިމިގެންދަނީ ހުހަކަށް ނޫނެވެ. ރަށު ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ޒަމާނީ ވޯޓާ ޕާކެއް ގާއިމްކޮށް، އާއްމުކޮށް ހުޅުވައިލެވުމާއެކު މިހާރު ވަނީ އުފާވެރިކަމުގެ އާ ރޫހެއް ރަށުގެ މާހައުލަށް ގެނެސްފައެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވުނު މި ޕާކަކީ، ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، އާއިލާއާއެކު ހިތްފަސޭހަ ވަގުތުތައް ހޭދަކުރެވޭނެ ހިތްގައިމު މާހައުލެއް ބިނާކުރުމުގެ މަގްސަދުގައި ގާއިމްކުރެވުނު ތަނެކެވެ. މި ވޯޓާ ޕާކާއެކު ދެއްވަދޫގެ ރައްޔިތުންގެ އިޖުތިމާއީ ހަޔާތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަޒްހާދު ވިދާޅުވީ، މި ވޯޓާ ޕާކަކީ ދެއްވަދޫގެ ތަރައްޤީގެ ދަތުރުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ޕާކު ހުރި ސަރަހައްދުގައި ބާބަކިއު އޭރިއާ އަކާއި ޕަބްލިކް ބީޗެއްގައި ހުންނަންޖެހޭ އެހެނިހެން ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ގާއިމްކުރެވޭނެ ކަމަށް ވެސް ފަޒްހާދު މައުލޫމާތު ދެއްވިއެވެ. މި މަސައްކަތްތައް ނިމުމުން، އެ ސަރަހައްދު ފުރިހަމަ މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ބަދަލުވެގެންދާނެއެވެ.

ޒަމާނުއްސުރެ ދެއްވަދޫއަކީ އެކުވެރި، އެއްބައިވަންތަ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ ތަރައްޤީއަށްޓަކައި އެއް މިސްރާބަކަށް އަމާޒު ހިފާ، ވަކި ކުލައަކަށް ބެލުމެއްނެތި މަސައްކަތްކުރާ ރައްޔިތުން ތިބޭ ރަށެއްގެ ގޮތުގައި ދެއްވަދޫ ފާހަގަކުރެވެއެވެ. ސާފުތާހިރުކަމާއި ތިމާވެއްޓަށް އަހައްމިއްޔަތުކަން ދިނުމަކީ ވެސް މި ރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަ ހަރުދަނާ ސިފައެކެވެ.

މިފަދަ މަޝްރޫޢުތަކާއެކު، ދެއްވަދޫއަށް ލިބޭ މަގްބޫލުކަން އިތުރުވެފައިވާއިރު، ޕީއެސްއެމް އިން މިހާރު ކުރިއަށް ގެންދާ "ޗާލު ދިވެހިރާއްޖެ" އެވޯޑުގެ ތިން ކެޓަގަރީއަކަށް ދެއްވަދޫ ވަނީ ނޮމިނޭޓްވެފައެވެ. އެއީ އެންމެ ހިތްގައިމު ގޮނޑުދޮށް، ސާފުތާހިރު އަދި އެންމެ ތިމާވެއްޓާ ރައްޓެހި ރަށް، އަދި އެންމެ އެކުވެރި މުޖުތަމައު ކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ. މި އެވޯޑަށް ވޯޓުލުމަށް ޕީއެސްއެމް އެއާ އެޕްލިކޭޝަން ޑައުންލޯޑް ކުރައްވަން ޖެހޭނެއެވެ.