އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ދިވެހި 20 ދަރިވަރަކަށް މާސްޓަރސް ސްކޮލަރޝިޕް ލިބިއްޖެ
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން، ދިވެހި 20 ދަރިވަރަކަށް އޮސްޓްރޭލިއާގެ މަޝްހޫރު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ސްކޮލަރޝިޕްތަކަކީ ޤައުމީ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން ދެވޭ ތަޢުލީމީ އެހީތެރިކަމެއް ކަމަށް އޮސްޓްރޭލިއާ ހައިކޮމިޝަނުން ހާމަކުރެއެވެ. މި ދަރިވަރުންގެ ކިޔެވުން ފެށޭނީ އަންނަ އަހަރުގައެވެ.
މި ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ލިޔުން ހަވާލުކޮށްދެއްވީ ސޯޝަލް އެންޑް ޑިވެލޮޕްމެންޓް މިނިސްޓަރު އަދި އޮސްޓްރޭލިއާގެ އެލަމްނަސް ޑރ. ޢާއިޝަތު ޝިހާމެވެ. އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމަކީ ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއާއިން ހިންގާ އެންމެ މުހިންމު އެއް ތަޢުލީމީ ޕްރޮގްރާމެވެ.
Ads by BMLމި ސްކޮލަރޝިޕްތަކުގެ ދަށުން ދަރިވަރުންނަށް ތަފާތު އެކި މުހިންމު ދާއިރާތަކުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޮސްޓްރޭލިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، މީގެ ތެރޭގައި ފައިނޭންސް އެންޑް އިކޮނޮމިކްސް، ސޯޝަލް ވޯކް، ޤާނޫނު އަދި ސައިބަރ ސެކިއުރިޓީ، ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ސްޓަޑީޒް، އަދި އޯޝަނޯގްރަފީ ފަދަ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައް ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެވޭ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު އަށް ދަރިވަރަކަށް ސްކޮލަރޝިޕް ދިންއިރު، މި އަހަރު ވަނީ 20 ސްކޮލަރޝިޕް ދީފައެވެ. މި ސްކޮލަރޝިޕް ދިނުމަށް ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ވައިބްރަންޓް މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ދުވަސްވެސް ވަނީ ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއާގެ ރަސްމީ ސްކޮލަރޝިޕްތަކުގައި، އޮސްޓްރޭލިއާ އެވޯޑްސްވެސް ހިމެނޭ ގޮތަށް، 1960 ގެ އަހަރުތަކުން ފެށިގެން 750 އަށް ވުރެ ގިނަ ދިވެހިން ވަނީ އެޤައުމުގައި މަތީ ތަޢުލީމު ހާސިލްކޮށް، ގިނަ ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރަމުންނެވެ. މިކަމުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން ހަރުދަނާވެ، ތަޢުލީމީ ދާއިރާއިން ލިބޭ އެހީތެރިކަން ދައްކުވައިދެއެވެ.
Ads by MACL
