ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭ ގެސްޓްހައުސްގައި މަރުވި މީހާގެ ބަނޑުތެރެއިން 818 ގްރާމު މަސްތުވާތަކެތި ފެނުނު: ފުލުހުން

ހުޅުމާލޭ ގެސްޓްހައުސްގައި މަރުވި މީހާގެ ބަނޑުތެރެއިން 818 ގްރާމު މަސްތުވާތަކެތި ފެނުނު: ފުލުހުން

ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ނޭޕާލަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މީހާގެ ބަނޑުތެރެއިން 818 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން މިރޭ ހާމަކޮށްފި އެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް ފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން، މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމަށްފަހު އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަރުވި މީހާ ރާއްޖެއައިސްފައިވަނީ އިތުރު ދެ މީހަކާ އެކު މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އެމީހުން މާފުށީގައި ދުވަސްކޮޅެއް މަޑުކުރުމަށްފަހު، ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގެ ގެސްޓްހައުސްއަށް ޗެކިންވިއިރު، ހަމަ އެދުވަހު އަނެއް ދެ މީހުން ވަނީ ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލެއްކަމަށް ފުލުހުން ވިދާޅުވި އެވެ.

މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، މަރުވި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފާހަގަވެފައިވާތީ، ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ޕީޖީގެ ލަފާގެ މަތިން މިދިޔަ މަހުގެ ދެވަނަ ދުވަހުގެރޭ، މަރުވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކުރެވިފައި ނުވަނީ ހަށިގަނޑު މާބޮޑަށް ހަލާކުވެ (ޑީކޮމްޕޯސްވެ)ފައި އޮތުމުގެ ސަބަބުން ކަމަށާއި، މިކަން ކުރެވިފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

މަރުވި މީހާގެ ހަށިގަނޑުން ޖުމްލަ 78 ބުލެޓް ނަގާފައިވާއިރު، އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 818 ގްރާމު ހުރިކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކޮށްފައިވާ މައްސަލައެއް ކަމަށް ބެލެވެ އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި، މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. މައްސަލަތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށާއި، ތެދު މައުލޫމާތު ހާމަކުރުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.