ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ 8 ލައްކަ ޑޮލަރު ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ލަންކާއާ ޙަވާލުކުރުން / ފޮޓޯ: ޚާރިޖީ ވުޒާރާ
ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ލަންކާއާ ޙަވާލުކުރުން / ފޮޓޯ: ޚާރިޖީ ވުޒާރާ

ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް 37 މީޑިއާއެއް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ޖުމުލަ 834,843.98 އެމެރިކާ ޑޮލަރު (8 ލައްކައަށްވުރެ ގިނަ ޑޮލަރު) ސްރީލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި އެހީ ޚާރިޖީ ވުޒާރާގެ ފަރާތުން ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ.

މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި ނިންމާލެވުނު މި ހަރަކާތަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކުގެ އިތުރުން މީޑިއާތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށެވެ. ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތްވެސް ކުރީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.

މި ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ގިނަ އަދަދެއްގެ މީހުންނާއި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. އެހެންކަމުން މި ދަތި ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަކީ ދިވެހިންނަށް މުހިންމު ކަމެކެވެ.