ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު ހެންވޭރު ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ

ރައީސް މުޢިއްޒު ހެންވޭރު ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެމީހުންގެ ޚިޔާލުފާޅުކޮށް، މަޝްވަރާކޮށް، ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާއެކު ބައްދަލުކުރެއްވުމެއް މާދަމާ ރޭ އާދިއްތަ ދުވަހުގެ 20:30 ގައި ކަލާފާނު ސްކޫލްގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ހުގައި ކަލާފާނު ސްކޫލްގައެވެ. ސަރުކާރުގެ ފަރާތުން މިބައްދަލުވުމަށް ހެންވޭރުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މައްސަލަތަކާއި، އެމީހުންގެ އުއްމީދުތައް ސީދާ އަޑުއެއްސެވުމެވެ.

މި ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެފަދަ ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކާއި، ރައްޔިތުން ކުރާ ދުޢާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކަކީ ސަރުކާރުން ރައްޔިތުންނާ ގާތްކޮށް ހިންގާ ހަރަކާތްތަކުގެ މުހިންމު ބައެކެވެ.