މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނުވަތަ އެއާ ބެހޭ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މި އިސްލާހާއެކު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި، މިއަދުން ފެށިގެން އެ އަދަބު ކަނޑައެޅިދާނެއެވެ.
ރައީސް މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމުގެ މަގުސަދަކަށް ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމާއި، އެ ބޭނުންކުރާ މިންވަރު މަދުކުރުމެވެ. މީގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، މުޖުތަމައުއަށް އަނބުރާ ނެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އިސްކަންދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި އިސްލާހަކީ މަސްތުވާތަކެތީގެ ނުރައްކާތެރިކަމުން ގައުމު ސަލާމަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
އާ އިސްލާހާ އެކު، މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ބަރުދަނަކަށް ވުރެ އިތުރު މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށެވެ. އެގޮތުން، 350 ގްރާމަށް ވުރެ ގިނަ ކެނެބިސް، 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ ޖަދުވަލު 1 ގައި ހިމެނޭ އެހެނިހެން މަސްތުވާތަކެއްޗުގެ 100 ގްރާމަށް ވުރެ އިތުރު އަދަދެއް ރާއްޖެ އެތެރެކުރި ކަމަށް ސާބިތުވާ ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެއެވެ. މި އަދަބު ދެވޭނީ އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
Ads by BMLމިފަދަ މައްސަލައެއްގައި މަރުގެ އަދަބު ކަނޑައެޅިއްޖެ ނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ކުރިން ގާނޫނުގައި އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލުގައި ވަނީ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނީ، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް، ޕެރޯލް ނުވަތަ މާފު ނުދެވޭ ގޮތަށް ކަމަށް ބަދަލުކޮށްފައެވެ.
ގާނޫނަށް ގެނައި އާ އިސްލާހުގައި، އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް ނުވަތަ މާފެއް ދެން ނުދެވޭނެއެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
Ads by MACL
