ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މި މަސައްކަތް ކުރަމުންދަނީ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރުކޮށް، ދިރާސީ އައު އަހަރަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުކުރުމުގެ ގޮތުންނެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މިނިސްޓްރީގެ އަމާޒަކީ ސްކޫލުތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ.

ޓެކްސްޓް ފޮތް ފޯރުކޮށްދިނުމުގެ އިތުރުން، ދިރާސީ އަހަރެއް ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ފުރިހަމަ ކުރަމުންދެއެވެ. މީގެ ތެރޭގައި ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމާއި، ސްކޫލްތަކުގެ އާބާތުރަ ފިލުވައި ބޭނުންވާ މަރާމާތުތައް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަންނަ ދިރާސީ އަހަރަށް ތައްޔާރުވުމަށްޓަކައި 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އައު ދިރާސީ އަހަރަށް ތައްޔާރުވަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ދިރާސީ އައު އަހަރުގައި ދަރިވަރުން ކިޔަވާނީ އެންމެ ފަސޭހަ ކަމާއެކު، އޭސީކޮށްފައިވާ ކްލާސްރޫމްތަކެއްގައި ކަމަށެވެ.