ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފިއެވެ.

ނޮވެންބަރު 28 ވަނަ ދުވަހު ސްރީލަންކާއަށް އަރައި، ބޮޑެތި ގެއްލުންތަކެއް ދިން ދިތުވާ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވަނީ 78 ފޮށީގެ އަސާސީ ސާމާނު ހަދިޔާކޮށްފައެވެ.

މި ހިތާމަވެރި ކާރިސާގައި 500 އަށްވުރެ ގިނަ މީހުން މަރުވެ، ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދުތަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައި ވާއިރު، މި އެހީތެރިކަން ފޯރުކޮށްދިނީ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީތެރިކަމާއެކުގައެވެ.

ދިތުވާ ތޫފާނު ސްރީލަންކާއަށް އަރާފައިވަނީ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. މި ތޫފާނާއި ގުޅިގެން ސްރީލަންކާގެ ތިންބައިކުޅަ އެއްބައި ސަރަޙައްދުތަކަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500 އާ ގާތްކުރާއިރު، އެތައް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ. މި ކާރިސާއަކީ ސްރީލަންކާއަށް ފާއިތުވި ދުވަސްތަކުގައި ދިމާވި އެންމެ ނުރައްކާތެރި އެއް ކާރިސާއެވެ.

ތޫފާނާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރާއްޖެއިން އެކި ގޮތްގޮތުން ދަނީ، އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. އެގޮތުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީތެރިކަމާއެކު އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ ހަރަކާތެއް ހިންގާފައެވެ. ލަންކާގެ ރައްޔިތުންނަށް ދިމާވި ހިތާމަވެރި ކާރިސާ އެންމެ ގާތުން ފެނުނު އެއްބަޔަކަށް ލަންކާގައި އުޅޭ ދިވެހި ރައްޔިތުން ވާނެ ކަމަށް ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ ހަލީމަތު ޝިޒްނާ ވިދާޅުވިއެވެ.

ޝިޒްނާ ވިދާޅުވި ގޮތުގައި، ލަންކާގައި އުޅޭ ދިވެހި ކޮމިއުނިޓީން އެދުމަށް ރާއްޖޭގެ ހައި ކޮމިޝަނުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލިއެވެ. މިވަގުތު ލަންކާގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ސާމާނުތައް ދިވެހި ކޮމިއުނިޓީގެ ފަރާތުން 2 ދުވަހުގެ ތެރޭގައި އެއްކޮށް، ޖުމްލަ 78 ފޮށީގެ ތަކެތި ހަދިޔާކުރެވުނެވެ. މި ތަކެތީގެ ތެރޭގައި އަންނައުނާއި، ބޭހާއި، ކާބޯތަކެއްޗާއި ފެން ފަދަ އަސާސީ ސާމާނުތައް ހިމެނެއެވެ. ސާމާނު ބަންދު ކުރުމުން ފެށިގެން ހަދިޔާ ކުރުމާއި ހަމައަށް ލަންކާގައި އުޅޭ ދިވެހި ރައްޔިތުން މިކަމުގައި ހަރަކާތްތެރިވިކަން ޝިޒްނާ ފާހަގަކުރެއްވިއެވެ.

ލަންކާއަށް ދިމާވެފައިވާ މި ނުރައްކާތެރި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން އެކި ގޮތްގޮތުން ދަނީ، އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. އެގޮތުން ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާ ލަންކާ ސަރުކާރާ މިހާރު ޙަވާލުކޮށްފައިވާއިރު، 25،000 މަސްދަޅު ކޭސްވެސް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މީގެ އިތުރުން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން 800،000 ޑޮލަރު ހަދިޔާކޮށްފައިވާއިރު، އެ ފައިސާވެސް މިހާރު ވަނީ، އެޤައުމާ ހަވާލުކޮށްފައެވެ. މި ހުރިހާ އެހީތެރިކަމަކީ ދެޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަންކަމެވެ.

ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ، ދިވެހިންނާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. މިފަދަ ހިތާމަވެރި ވަގުތެއްގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ދެޤައުމުގެ ދެމެދުގައިވާ ގަދީމީ ގުޅުންތަކުގެ ވަރުގަދަ މިސާލެކެވެ.