ރައްޓެއްސެއްގެ ފޮއްޓަކާ ހަވާލުވި މީހަކަށް 18 އަހަރުގެ ޖަލު ހުކުމެއް!
މިދިޔަ އަހަރުގެ ޖުލައި މަހު، އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ޒިޔާރަތްކުރި ޕާކިސްތާނު މީހަކު ގެނައި މަސްތުވާތަކެތީގެ ފޮއްޓަކާ ހަވާލުވި ހދ. ކުމުންދޫ ނަރުގިސްވިލާ އަހްމަދު އަފްފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި 18 އަހަރުގެ ޖަލު ހުކުމަކާއި 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާ ހުކުމް އިއްވައިފައިވަނީ ރައްޓެއްސެއްގެ ބުނުމަށް އެ ފޮއްޓާ ހަވާލުވި ކަމަށް ބުނެފައި ވިޔަސް، އެއީ މަސްތުވާތަކެތި ކަން ނޭނގޭ ކަމަށް އިންކާރުކުރަމުން ދަނިކޮށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ އަހްމަދު އަފްފާނާއި، ވ. ސިނަމާލެ ޝާހިލް މުހައްމަދުގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގައެވެ. ނަމަވެސް، މި ދެމީހުންގެ ތެރެއިން އަފްފާނުގެ މައްސަލަ ނިމިފައިވާއިރު، ޝާހިލްގެ މައްސަލަ އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ ފޮއްޓުން 2 ކިލޯއަށް ވުރެ ގިނަ ޑައިމޯފިންވަނީ ފެނިފައެވެ.
އަފްފާނުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް އައި ޕާކިސްތާނު މީހެއްގެ ފޮށީގައި މަސްތުވާތަކެތި ހުރިކަން ކަސްޓަމުން ފާހަގަކުރުމާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުން އެނގުނު ގޮތުގައި، މަރުކަބު ޕްލާޒާ ހޮޓެލް ކައިރީގައި އަފްފާން ހުއްޓައި، ޕާކިސްތާނު މީހާ ޓެކްސީއެއްގައި އެތަނަށް ގޮސް އަފްފާނާ ފޮށި ހަވާލުކުރިއެވެ. އަފްފާން އެ ފޮއްޓާ ހަވާލުވީ ޕާކިސްތާނު މީހާއަށް 50 ރުފިޔާ ދިނުމަށް ފަހުއެވެ. މި 50 ރުފިޔާއަކީ ފޮއްޓާ ހަވާލުވާން އަންނަ މީހާ ފާހަގަކުރުމަށް ދީފައި އޮތް ފައިސާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
Ads by BMLފޮއްޓާ ހަވާލުވުމާއެކު ފުލުހުން އަފްފާން ހިފަހައްޓައި ފޮށި ބެލިއިރު، އެއިން ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިން ފެނިފައިވެއެވެ. ޝަރީއަތުގައި އަފްފާން ވަނީ އެ ފޮއްޓާ ހަވާލުވި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް، އޭގައި މަސްތުވާތަކެތި ހުރިކަން އެނގިފައިނުވާކަމަށް އޭނާ ވަނީ ދިފާއުވެފައެވެ. އޭނާ ބުނީ އެ ފޮއްޓާ ހަވާލުވީ މާޒިން ކިޔާ ރައްޓެއްސެއްގެ ބުނުމަށް ކަމަށެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަފްފާންގެ އަތުން ފޮއްޓާ ހަވާލުވާން އައީ ދައުލަތުން ދައުވާ އުފުލާފައިވާ ދެވަނަ މީހާ ކަމަށްވާ ޝާހިލް މުހައްމަދެވެ. ނަމަވެސް، އަފްފާނަށް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި މާޒިންއަކީ ކާކުކަން ބަޔާންކޮށްދެވިފައިނުވާކަމަށް ޝަރީއަތުން ފާހަގަކުރިއެވެ. އަދި، މި މައްސަލައިގައި އަފްފާންގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ވެސް ކޯޓުން ފާހަގަކުރިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި ކުރެއްވި ހުކުމަކީ އަފްފާން 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ބަޔާންކޮށްފައެވެ. މި ހުކުމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި އިއްވާފައިވާ ހުކުމެކެވެ.
Ads by MACL
