ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫއަށް ރެކޯޑު މިންވަރަށް ވާރޭވެހި، ހޮސްޕިޓަލަށާއި ބައެއް ގޭގެއަށް ފެންވަދެއްޖެ

ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލުން ބުނޭ. ---
ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލުން ބުނޭ. ---

ގދ. ތިނަދުއަށް ރޭ ދަންވަރު ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވެ، ގިނަ ގެތަކަށް ގެއްލުންތައް ލިބިފައިވާކަމަށް އެރަށު ސިޓީ ކައުންސިލުން ބުނެފިއެވެ. މި ހާދިސާގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ފެން ޕްލާންޓަށް ވެސް ފެންވަދެފައިވާއިރު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން، ގދ. ކާޑެއްދޫއަށް 72.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިނަދޫގެ ބައެއް އާންމުން ބުނާ ގޮތުގައި، ރޭ ދަންވަރު ވެހުނު ވާރޭ އަކީ މީގެ ކުރިން އެ ރަށަށް ދުވަހަކު ވެސް ނުވެހޭހާ ބޯކޮށް ވެހުނު ވާރޭއެކެވެ.

ރޭ ދަންވަރު 1:30 ހާއިރުން ފެށިގެން ހުއްޓާނުލައި ވާރޭ ވެހުމުގެ ސަބަބުން ގިނަ ގެތަކެއްގައި ފެންބޮޑުވެ، ބައެއް ގެތަކުން ކަރަންޓު ވެސް ވަނީ ކެނޑިފައެވެ. ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯތަކުންނާއި ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ ގެތަކެއްގެ ތެރެއަށް ތަނބިކައްޓަށް ވުރެ މައްޗަށް ފެންވަދެ، އެނދާއި ފަރުނީޗަރުތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ، ރަށުގެ މަގުތަކުން ފެން ހިންދުމަށްޓަކައި ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އޮކްޓޫބަރު މަހު ވެސް ތިނަދޫގައި ބޯކޮށް ވާރޭވެހި، ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވިއެވެ. ނަމަވެސް، ހޮސްޕިޓަލާއި ފެން ޕްލާންޓުފަދަ މުހިންމު ތަންތަނަށް ފެންވަތް މިއީ ފުރަތަމަ ފަހަރެވެ.

މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެތީ، އެކަމަށް ދުރާލާ ތައްޔާރުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާގައި ސީދާ ކިތައް ގެއަށް ފެންވަދެފައިވާކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. ގެއްލުން ލިބުނު މިންވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.