55 ކައުންސިލް އިދާރާގެ މަސައްކަތް ފެށޭ އަހަރުގެ ޖޫން ނިޔަލަށް ނިމޭނެ: ވަޒީރު އާދަމް ޝަރީފް
ރާއްޖޭގެ 55 ކައުންސިލް އިދާރާގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާ، ކައުންސިލްތަކާ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް ފެށޭ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާތައް ނިންމައި ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭން ޖުމްލަ 105 ރަށެއްގައި އާ ކައުންސިލް އިދާރާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ހިމެނެއެވެ.
Ads by BMLޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ 50 ކައުންސިލް އިދާރާގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ ޕްރީ-ފެބްރިކޭޓެޑް އުޞޫލުން ޢިމާރާތްކުރާ އިދާރާތަކެކެވެ. މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) ގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ކައުންސިލް އިމާރާތްތައް ތަރައްޤީކުރަނީ މިހާރު ހުރި އިމާރާތްތަކަކީ ބާވެ، ޖާގައިގެ ގޮތުން ކުޑަ އިމާރާތްތަކަކަށް ވުމުންނެވެ. އާ އިމާރާތްތަކަކީ ޖާގަ ތަނަވަސްކޮށް، ކައުންސިލްތަކުން ދޭ ޚިދުމަތްތައް ފަހިކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތްތަކެއް ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން މި މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރު ނިމޭއިރު %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، އާ އިދާރާތަކުން ޚިދުމަތްތައް ފެށޭނެ ކަމަށް ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދެމުންދާ އިސްކަމުގެ ހެއްކެކެވެ.
Ads by MACL
