ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރު ނިޔަލަށް ނިންމާ، ޖެނުއަރީގައި ގޯތި ހަވާލުކުރަން ފަށާނަން: ރައީސް
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރު ނިޔަލަށް ނިންމާ، ޖެނުއަރީގައި ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި، ޖެނުއަރީ މަސް ތެރޭގައި އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަން ފަށާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ރައްޔިތުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ބެލުމުންވެސް އެކަން ފާހަގަވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ދެ ޑްރެޖަރެއް އެއްފަހަރާ ބޭނުންކޮށްގެން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭ ކަމަށެވެ. މި މަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLހިއްކުމުގެ މަސައްކަތް ނިމުމާއެކު، ވީހާވެސް އަވަހަކަށް ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަމުން ދާނެ ކަމަށާއި، ގޯތިތަކުގެ ރަޖިސްޓްރީވެސް ހަދަމުން ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން، ހުޅުމާލެ ފޭސް ދޭއްއިން ގޯތި ލިބުނު ގިނަ ފަރާތްތަކަށް މިހާރު ރަޖިސްޓްރީ ހަދައިދެވި، ދިރިއުޅުމަށް އެތަންތަން އިން ވަކިކޮށް ހަވާލުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބިން އޮތް ތަނަކުންނަމަ ގޯތި ހަވާލުކުރެވިފައިވާ ކަމަށާއި، ނޫންނަމަ ފޭސް ތިނެއް ހިއްކާ ނިމުމާއެކު، ޖެނުއަރީ މަސް ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ. މިގޮތުން، ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
Ads by MACL
