ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖޭއެސްސީ އިސްލާހުކޮށް، ސިޔާސީ ނުފޫޒެއް ނެތް "މިނިވަން ޖުޑީޝަރީ"އެއް ޤާއިމުކޮށްދޭނަން: ރައީސް

ޖޭއެސްސީ އިސްލާހުކޮށް، ސިޔާސީ ނުފޫޒެއް ނެތް "މިނިވަން ޖުޑީޝަރީ"އެއް ޤާއިމުކޮށްދޭނަން: ރައީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނެސް، ޝަރުޢީ ދާއިރާއަކީ ހަޤީޤީ މާނައިގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ޤާނޫނީ އިސްލާހުތައް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޝަރުޢީ ދާއިރާ މިނިވަން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ ވަކި ތަރުތީބެއްގެ ތެރެއިން ރޭވުންތެރިކަމާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަޤީޤީ މާނައިގައި ޖުޑީޝަރީ މިނިވަން ވެގެންދާތަން ދެކެން. ކުރިއަށް އޮތް ތަނުގައި ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ޤާނޫނީ އިސްލާހު ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.

އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ތަކުރާރުކޮށް ވިދާޅުވީ، ބަދަލު ހިފުމުގެ ރޫޙުގައި ސިޔާސީ މީހުން ހައްޔަރުކުރުމަށް އަންގަވައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. މިހާތަނަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން ވަކި މީހަކު ހައްޔަރުކުރުމަށް ފަނޑިޔާރަކަށް އަންގާފައި ނުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު މަސައްކަތްކުރާކަމުގެ އެންމެ ބޮޑު ހެއްކަކީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ކުށްކުރާ ފަރާތްތަކާ މެދު ޖެހިލުމެއް ނެތި ޤާނޫނީ ފިޔަވަޅުތައް އެޅެމުންދާ ދިއުމެވެ. ކުރީގައި ނުފޫޒުތަކާ ހެދި ފިޔަވަޅު ނޭޅި ހުރި ކަންކަމުގައި، މިހާރު މިނިވަންކަމާއެކު ޙުކުމްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެ ދާއިރާއަށް ޚާއްޞަ "ސެކްޓޯރަލް ބަޖެޓެއް" ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. އަދި ދާދި ފަހުން ގެނެވުނު މުސާރައިގެ އޮނިގަނޑުގެ ބަދަލުތަކާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.