ފަޒުލް އާއި ޝުހޫދަށް ދަޢުވާ ނުކުރަން ޕީޖީ ނިންމައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދާއި އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު، އެޗްޑީސީގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ދަޢުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފިއެވެ.
މި މައްސަލައިގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރ ތެރެއިން ނައްތާލާފައިވާތީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. މި ތުހުމަތުގެ ދަށުން ފުލުހުން ތަޙުޤީޤު ހިންގުމަށްފަހު، ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށެވެ. މިއީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ.
Ads by BMLއެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައިވެސް، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާކަމެވެ. އެހެންކަމުން، ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކެއް ނުވަތަ ޤަރީނާއެއް ނެތްކަން މި ރިޕޯޓުތަކުން ދައްކައެވެ.
މި ހުރިހާ ކަމަކަށް ބެލުމަށްފަހު، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭނެ އެކަށީގެންވާ ހެއްކެއް ނުވަތަ ޤަރީނާއެއް ހޯދިފައި ނުވާތީ، ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭނެކަމަށް ނުފެންނާތީ، ދަޢުވާ ނުކުރަން ނިންމީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފަޒުލްގެ މައްޗަށް ކުރިންވެސް ބިންވެރިޔާ ސްކީމާއި، ވިނަރެސް ފްލެޓް ދިނުމާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
މި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ތަޙުޤީޤު ކުރަމުންދާތީ، އެ ތަޙުޤީޤަށް ފުރުސަތު ދިނުމުގެގޮތުން ކަމަށް ވިދާޅުވެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
Ads by MACL
