ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 އާއްމުކޮށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލުން، ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލުން، ފޮޓޯ: އެމްޓީސީސީ

މާލޭގެ މުހިންމު މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމާ، އާއްމު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީން ކަމަށްވާއިރު، ތާރު އެޅުމުގެ މަސައްކަތް މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާ މި ސެގްމަންޓް ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ 130 މީޓަރުގެ ސަރަޙައްދެކެވެ.

މި ސެގްމަންޓް ތަރައްޤީކުރުމުގެ ތެރޭގައި މަގު ފުޅާކުރުމަށްޓަކައި، އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސައި ތަރައްޤީކޮށްފައިވެއެވެ. މީގެ އިތުރުން މަގު ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ވާރޭވެހުމުން ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާރު މަސައްކަތް ނިމިފައިމިވަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގައެވެ. އެމްޓީސީސީން ވިދާޅުވީ، ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެއްގައި ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. ފޭސް 1 ގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

ސަރުކާރުން މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މީގެ ސަބަބުން މާލޭގެ މަގުތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.