ކޭ-ޕާކް މަޝްރޫޢު އަލުން ފަށަން މަސައްކަތް އެބަކުރަން: ރައީސް
ހުޅުމާލޭގައި 2016 ވަނަ އަހަރު މަތީ ފަންތީގެ ފްލެޓްތަކެއް އެޅުމަށް ހަވާލު ކުރި ކޭ-ޕާކް ރެސިޑެންސް މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރޭ ވިދާޅުވެއްޖެއެވެ. އެ މަޝްރޫޢު ހުއްޓިފައިވަނީ ބޮޑު ކްރިމިނަލް މައްސަލައަކާ ގުޅިގެންނެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ އިއްޔެ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައި، އެއް ރައްޔިތެއްގެ ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޕްރައިވެޓް ޑިވެލޮޕަރަކު ކުރިއަށް ގެންދިޔަ އެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލައަށް ހައްލެއް ހޯދައި، މަޝްރޫޢު އަލުން ފެށޭނެ ގޮތެއް ހޯދުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިއީ މިހާރު ކްރިމިނަލް ކޯޓުގައި ނިމެމުންދާ ވަރަށް ބޮޑު ކްރިމިނަލް ކޭސްއެކެވެ. ކޭ-ޕާކް ރެސިޑެންސްގެ ބައެއް ފްލެޓްތައް، އެއް ފްލެޓް އެކަކަށް ވުރެ ގިނަ ފަރާތްތަކަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ނަގާފައިވާކަން މީގެ ކުރިން ވަނީ ހާމަވެފައެވެ. މި ސަބަބުތަކާ ހުރެ މަޝްރޫޢު ވަނީ މުޅިން ހުއްޓިފައެވެ.
Ads by BMLކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ. މަންޑޭގެ މައްޗަށް ދައުލަތުން 100 އަށް ވުރެ ގިނަ ދައުވާ ކޮށްފައިވެއެވެ؛ އޭގެ ތެރޭގައި ޓެކުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ 50 ދައުވާގެ އިތުރުން، ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގގެ އެއް ދައުވާ ހިމެނެއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އެކަކުގެ މައްޗަށް އެންމެ ގިނަ ދައުވާކުރާ މައްސަލަ ކަމަށް ވެއެވެ. މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް މި މައްސަލައިގައި 95 ދައުވާއެއް ކުރެއެވެ. އެ ދެމީހުންގެ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުން ދަނީ އެއްކޮށް ކުރިއަށް ގެންދަމުންނެވެ.
Ads by MACL
