ޖަޕާނުގެ އެހީގައި ވެލާނާ އާއި ގަން އެއަރޕޯޓުގެ ޞިއްޙީ ޤާބިލުކަން އިތުރުކުރުމަށް ހިންގި މަޝްރޫޢު ނިންމާލައިފި
ޖަޕާން ސަރުކާރުގެ އެހީގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޞިއްޙީ ޤާބިލުކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ، ބޯޑަރ ކޮންޓްރޯލް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
"ސްޓްރެންތެނިންގ ދި ކެޕޭސިޓީ އޮފް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އެންޑް ގަން އިންޓަނޭޝަނަލް އެއަރޕޯޓް" މި ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ޖަޕާން ސަރުކޫރުން ވަނީ ރާއްޖެއަށް 2.4 މިލިޔަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫޢު ރާއްޖޭގެ ދެ މައި ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ހިންގުމަށްފަހު، މިހާރު ވަނީ އަމަލީގޮތުން ނިންމާލާފައެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެތެރޭގައި އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ މީހުންގެ ފަރާތުން ފެތުރިދާނެ ބަލިތައް ކުޑަ ކުރުމަށް ޒަމާނީ ބަޔޯމެޓްރިކް ކޮންޓްރޯލް ނިޒާމުތައް ޤާއިމު ކުރުމާއި، ދަތުރުވެރިންގެ ކަންކަން އަވަހަށް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުކުރާ މީހުން ދެނެގަތުމުގެ ލިޔެކިޔުންތައް ބަލައި ޗެކް ކުރުމުގެ ނިޒާމުތައް ހަރުދަނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބޭނުންވާ ތަމްރީންތައް ދިނުމާއި، ޞިއްޙީ ގޮތުން ތައްޔާރުވުމާއި، ސާފުތާހިރުކަމުގެ މިންގަނޑުތައް މަތި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެވިފައިވެއެވެ. ކުނި މެނޭޖްކުރުން ފަދަ ކަންކަން ހަރުދަނާ ކުރުމަށް ތަމްރީންތަކާއި، ބޭނުންވާ ވަސީލަތްތައްވެސް ވަނީ ފޯރުކޮށްދީފައެވެ. ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާޢިދުތަކާ އެއްގޮތަށް، ކުނި މެނޭޖް ކުރުމުގެ ރަނގަޅު އުޞޫލުތައް ޤާއިމުކޮށް، ތިމާވެށީގެ ރައްކާތެރިކަމުގެ މިންގަނޑުތައް މަތި ކުރުމަށްވެސް މަސައްކަތް ކުރެވިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޞިއްޙީ އިދާރާތަކުން ކުއްލި ޙާލަތްތަކުގައި އަވަހަށް ޢަމަލު ކުރުމާއި، ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ. އަދި ޖަޕާނު ސަރުކާރުން ރާއްޖެއަށް ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބޭނުންވާ އާލާތްތަކާއި މެޝިންތައްވެސް ވަނީ ހަދިޔާކޮށްފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖެއަށް ފަތުރުވެރިންނާއި ދަތުރުވެރިން އެތެރެވާ މައި ދޮރާއްޓެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް އެތެރެވާ މީހުން ސްކްރީންކޮށް ބޯޑަރ ހަރުދަނާ ކުރެވިގެން ދިއުމަކީ ރާއްޖޭގެ ޞިއްޙީ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއް ކަމަށް ޖަޕާން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
