ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައިކޯޓުގެ އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގެންފި

 ރިޓަޔާ ކުރެއްވީ ޝަރުއީ ދާއިރާއަށް 23 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ސިއްހީ ސަބަބުތަކަށްޓަކައި
ރިޓަޔާ ކުރެއްވީ ޝަރުއީ ދާއިރާއަށް 23 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ސިއްހީ ސަބަބުތަކަށްޓަކައި

ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް، 23 އަހަރުގެ ދިގު ޚިދުމަތަކަށްފަހު، ސިއްހީ ސަބަބުތަކަށްޓަކައި މިއަދު ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގެންފިއެވެ. ފަނޑިޔާރު ނިޔާޒު މަގާމުން ވަކިވެވަޑައިގެންފައި މިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.

ހައިކޯޓުން ހާމަކުރެއްވި ގޮތުގައި، މިއަދަކީ ފަނޑިޔާރު ނިޔާޒު އެ ކޯޓުގައި މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ. މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން، އިއްޔެ އޮތް ބައެއް ޝަރީއަތްތަކުގައި ބައިވެރިވެވަޑައިގެން، ދެ މައްސަލައެއްގެ ހުކުމް ވެސް ވަނީ ކުރައްވާފައެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް، އެކަމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް އޭނާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޝަރުއީ ދާއިރާއަށް ފަނޑިޔާރު ނިޔާޒު ޚިދުމަތް ކުރައްވާފައިވަނީ 23 އަހަރު ދުވަހުއެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައެވެ. އެއީ ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އަދި ފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރެއްވިއެވެ.

ފަނޑިޔާރު ނިޔާޒު މަތީ ތައުލީމު ހާސިލު ކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުންނެވެ. ހައިކޯޓަށް އޭނާ އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީގައެވެ. އެހެންކަމުން އޭނާއަކީ މި ވަގުތު އެ ކޯޓުގައި ހުންނެވި، ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ.

މި އަހަރަކީ ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކޮށްފައިވާއިރު، ޖޭއެސްސީންވަނީ ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ފަށާފައެވެ. މި މައްސަލަތައް ބަލަމުން ދަނިކޮށް، އޭގެ ތެރެއިން ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ އިސްތިއުފާ ދެއްވައިފައެވެ.