ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޓިކްޓޮކްގައި ފުރައްސާރަކުރި އީގަލް ޝަރީފަށް ގިނަ ބައެއްގެ ނުރުހުން

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޓިކްޓޮކްގައި ފުރައްސާރަކުރި އީގަލް ޝަރީފަށް ގިނަ ބައެއްގެ ނުރުހުން

މީސްމީޑިއާ އެކްޓިވިސްޓް އަހުމަދު ޝަރީފް (އީގަލް ޝަރީފު)، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފުރައްސާރަކޮށް ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ.

މި ވީޑިއޯގައި އީގަލް ޝަރީފު ވަނީ ނ. މާފަރު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މަލާމާތްކޮށް، އޭނާގެ ހަރަކާތްތައް ރެކޯޑުކޮށް އާއްމުކޮށްފައެވެ.

އީގަލް ޝަރީފު އިއްޔެ ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއެއްގައި، އޭނާ ވަނީ މާފަރު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފުރައްސާރަކޮށް، އޭނާ ރުޅިއަރުވަން މަސައްކަތްކޮށްފައެވެ.

އެ މުވައްޒަފު ވީޑިއޯ ނުކުރުމަށް އެދި ހިތްހަމަނުޖެހުން ފާޅުކުރުމުންވެސް، ޝަރީފު ވަނީ އެކަން ހުއްޓާނުލައި ކުރިއަށް ގެންގޮސްފައެވެ. މި ޢަމަލު ސިފަކުރެވިފައިވަނީ ގަނާކުރުމުގެ ޢަމަލެއްގެ ގޮތުގައެވެ.

އެގޮތުން، އެ މީހާގެ ވީޑިއޯ ކުރަން ފެށުމުން ހިތްހަމަނުޖެހިގެން އެކަން ނުކުރުމަށް އެދުމުންވެސް ހުއްޓާނުލައި އެކަން ކޮށްފައިވާއިރު، އެފަދައިން ކަންކުރާ ނަމަ، އޮފީހަށާއި ކޯޓަށްވެސް އަންގާނެ ކަމަށް އެ މީހާ ބުނުމުން ޝަރީފު ވަނީ މަލާމާތްކުރާ ޒާތަށް އެ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ޖަވާބުދާރީ ވެފައެވެ.

އީގަލް ޝަރީފު ވަނީ، “މިވަގުތު އިންޖީނުގެއާ ހަވާލުވެހުރި އެންމެ އިސްފަރާތް އެ އައީ. ފެނަކައިގެ މާފަރުގައި ހުރި އެންމެ އިސް ފަރާތް. ވަރަށް ރުޅިގަދަވެފައި އެ ފެންނަނީ. ލަފާކުރެވޭ ގޮތަށް ވިއްޔާމުން ފޯނުވެސް އަތުލަފާނެ.” މިފަދަ ބަސްތައް ބުނެ އެ މުވައްޒަފަށް ފުރައްސާރަ ކޮށްފައެވެ.

އީގަލް ޝަރީފުގެ މި ވީޑިއޯ އާއްމުވުމާއެކު މީސްމީޑިއާގައި ވަނީ ވަރަށް ބޮޑު ބަހުސެއް ހިނގައި ގިނަ ބަޔަކު އޭނާގެ މި ޢަމަލު ކުއްވެރިކޮށްފައެވެ.

ކޮމެންޓް ކުރި މީހަކު ވަނީ، އެފަދައިން ބުލީ ކުރާ މީހާއަށް ނުވަތަ އާއިލާ މީހަކަށް އެގޮތަށް ބުލީ ކުރާއިރު ބަލަން ކެތްވާނެތޯ ސުވާލުކޮށް، ގޮތެއްފޮތެއް ހުރިނަމަ އެފަދައިން މަލާމާތް ނުކުރާނެ ކަމަށް ބުނެފައެވެ.

އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ، “މިކަހަލަ ނާތަހުޒީބު ޢަމަލު ހިންގާ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަ ކުރާ މި ޢަމަލު ކުއްވެރިކުރަން. އަދި ކަމާއިބެހޭ ފަރާތްތަކުން މި ޝަރީފުއާއިމެދު ފިޔަވަޅު އެޅުމަށް އެދެން.” މިފަދައިން ބުނެފައެވެ.

މީގެ އިތުރުންވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ވަޒީފާ ދެނީ އެމީހުން ބާކީ ނުކޮށް، ދިރިއުޅުން އާރާސްތު ކުރުމަށް އެހީވުމަށްކަން ފާހަގަކޮށް، މުޖުތަމައުގެ ބައެެއް މީހުން އެފުރުސަތު ނުދޭން މަސައްކަތްކޮށް ހަޖޫ ޖަހާ ކަމަށް ބުނެފައިވެއެވެ.

މީނޫނަސް އެތައް ބަޔަކު ވަނީ އީގަލް ޝަރީފުގެ މި ޢަމަލާމެދު ނުރުހުން ފާޅުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަޢުގައި ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާއިރު އެމީހުންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

މުޖުތަމަޢުގައި އެފަދަ ފަރާތްތަކަށް އިހުތިރާމު ކުރުމުގެ މުހިންމުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.