ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިވާހަކަ ވެސް ދައްކަމާ، މެދުނުކެނޑި 1 އަހަރު މަސްވެރިން ބާނާ މަހަށް ފައިސާ ދެވުނު!

މިވާހަކަ ވެސް ދައްކަމާ، މެދުނުކެނޑި 1 އަހަރު މަސްވެރިން ބާނާ މަހަށް ފައިސާ ދެވުނު!

މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އެމީހުންގެ ޢާއިލާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަބަދުވެސް ވެފައި އޮންނަނީ ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބުމުގެ ޝަކުވާއެވެ. ނަމަވެސް މިއަދު "މިވާހަކަ ވެސް ދައްކަމާ" އޭ ބުނެ ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހެނީ، އެ ދަތި އުނދަގޫ މާޒީ ބަދަލުކޮށް، މެދުނުކެނޑި އެއް އަހަރު ދުވަހު މަސްވެރިން ބާނާ މަހަށް ގަވާއިދުން ފައިސާ ދެވިފައިވާ ކަމުގެ އުފާވެރި ޚަބަރެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސިނާޢަތާ ދުރަށްދިޔަ ދިވެހިންނަށް އަލުން އުއްމީދު ގެނުވައިދިން ހެޔޮ ބަދަލެކެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 250 މިލިޔަން ރުފިޔާއަށް އަރައެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ، ކެމްޕެއިން ދުވަސްވަރު ސިޔާސީ ބޭނުމަށް، މިފްކޯއަށް ނުއުފުލޭ ވަރަށް (ކިލޯއެއް 25 ރުފިޔާއަށް) މަހުގެ އަގު ބޮޑުކުރުމެވެ. މިކަމުގެ ސަބަބުން މިފްކޯ ގެއްލުމުގައި ހިންގަންޖެހި، ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހުނެވެ.

ނަމަވެސް، މި ސަރުކާރުން ކުރި ބުރަ މަސައްކަތުން އެ 250 މިލިޔަން ރުފިޔާގެ ބެކްލޮގް އެއްކޮށް ދައްކާ ޚަލާސްކުރިއެވެ. އަދި ހަމައެހެންމެ، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސިއެވެ. ނަތީޖާއެއްގެ ގޮތުން ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަހެއް ބެލުމެއްނެތި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ލިބޭނެ މަގުފަހިވިއެވެ.

މިގޮތުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް، މަސްވެރިން ކިރުވި 58،510 ޓަނުގެ މަހަށް މުޅި ޖުމްލަ 900،322،300 (ނުވަސަތޭކަ މިލިއަން ތިންލައްކަ ބާވީސްހާސް ތިންސަތޭކަ) ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ.

މި މުއްދަތުގައި މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު:

  • 2024 ޑިސެމްބަރު (10-31): 41،560،475 ރުފިޔާ

  • 2025 ޖަނަވަރީ: 119،288،592 ރުފިޔާ

  • 2025 ފެބުރުއަރީ: 138،960،574 ރުފިޔާ

  • 2025 މާރިޗު: 87،423،612 ރުފިޔާ

  • 2025 އޭޕްރީލް: 101،072،638 ރުފިޔާ

  • 2025 މެއި: 103،471،679 ރުފިޔާ

  • 2025 ޖޫން: 58،167،727 ރުފިޔާ

  • 2025 ޖުލައި: 62،190،088 ރުފިޔާ

  • 2025 އޮގަސްޓް: 46،340،649 ރުފިޔާ

  • 2025 ސެޕްޓެމްބަރ: 39،319،615 ރުފިޔާ

  • 2025 އޮކްޓޯބަރ: 31،291،861 ރުފިޔާ

  • 2025 ނޮވެމްބަރ: 39،592،359 ރުފިޔާ

  • 2025 ޑިސެމްބަރ 8 ވަނަ ދުވަހާއި ހަމައަށް: 31,642,431 ރުފިޔާ

ސަރުކާރުގެ އަމާޒަކީ ހަމައެކަނި ފައިސާގެ މައްސަލަ ޙައްލުކުރުމެއް ނޫނެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ތަރައްޤީކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތުގެ ގޮތުގައި މަސްވެރިކަން ހެދުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.