ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި އޮންލައިންކޮށް ޖުވާ ކުޅުން އާއްމުވެ، އެކަމާ ގުޅޭ ވެބްސައިޓްތައް ފުޅާވަމުންދާ ދަނޑިވަޅެއްގައި، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނެވޭ އިސްލާޙެކެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. މިފަދަ ބިލެއް ހުށަހެޅުއްވީ ޤައުމީ ސަލާމަތާއި އިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ޖުވާ ކުޅުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ވަކިން ޚާއްސަކޮށް، އޮންލައިންކޮށް ޖުވާ ކުޅޭ ދިވެހި ވެބްސައިޓްތައް ވަރަށް ފާޅުގައި އިސްތިހާރު ކުރަމުންދާ ކަމީ އާއްމުންގެ ކަންބޮޑުވުން ބޮޑުވެފައިވާ ކަމެކެވެ. މިފަދަ ވެބްސައިޓްތައް ހިންގުމަށް ބޭނުންކުރާ ފައިސާގެ މުޢާމަލާތްތައް ވެސް ހިނގަމުންދަނީ ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށެވެ.

ޤާނޫނުލްޢުޤޫބާތުގައި ޖުވާ ކުޅުން ޖިނާއީ ކުށެއް ކަމަށް ސީދާ ބުނެފައިނެތް ނަމަވެސް، ޖުވާ ކުޅުމަށް ނުވަތަ ބެޓްކުރުމަށް ބޭނުންކުރާ ބައެއް ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިދިޔަ އަހަރުގެ ޖުލައި މަހު ބުނެފައި ވެއެވެ. ކޭމް އިން އޭރު ބުނެފައި ވަނީ އެފަދަ ވެބްސައިޓްތައް ބްލޮކް ކުރަނީ ފުލުހުންގެ އެންގުމަކަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ހިންގާ ދިވެހި ޖުވާ ވެބްސައިޓްތައް ބްލޮކް ކޮށްފައި ނުވާ ކަމަށް ފާހަގަކުރެވެއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، މަޖިލިސް މިހާރު އޮތީ މިއަހަރުގެ ތިން ވަނަ ދައުރު ނިންމުމަށްފަހު ޗުއްޓީގައެވެ. ދެން މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ވުމާއެކު، މި ބިލާ މެދު މަޖިލީހުން ޢަމަލުކުރާނެ ގޮތެއް ބެލުމަށް އިތުރު ވަގުތު ނަގާނެއެވެ.