ވެމްކޯގެ 'ހޮބާ' ޚިދުމަތާއި ފުލުހުން ގުޅިއްޖެ: އޮފީސްތައް ސާފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯލްޑިވްސް ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ (ވެމްކޯ) އިން މިދިޔަ އަހަރު ތައާރަފުކުރި "ހޮބާ" ޚިދުމަތާއި ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ގުޅިއްޖެ އެވެ.
ފުލުހުންގެ އޮފީސްތަކާއި ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއާއި ފުލުހުންގެ މެދުގައި މިއަދު ވަނީ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ފުލުހުންގެ މުއައްސަސާތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ވެމްކޯގެ ހޮބާ ޚިދުމަތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނާއިފް އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އެއިދާރާގެ ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ ފުލުހުންގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.
Ads by BML"ހޮބާ" ޚިދުމަތަކީ ވެމްކޯއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފެށި ޚިދުމަތެކެވެ. މީގެ މަޤްސަދަކީ އެ ކުންފުނިތަކާއި މުއައްސަސާތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ކަންތައް ހަރުދަނާކުރުމަށް އެހީތެރިވުމެވެ. ވެމްކޯއިން މި ޚިދުމަތް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
މިހާތަނަށް ވެމްކޯއިން "ހޮބާ" ޚިދުމަތް ދަނީ 30 އަށްވުރެ ގިނަ ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ. ފުލުހުންނާއި މި އެއްބަސްވުމުގައި ސޮއިކުރުމުން، ސަރުކާރުގެ މުއައްސަސާތަކަށް މި ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެ، އިތުރު ތަންތަނަށް މި ޚިދުމަތް ފުޅާވުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ވެމްކޯއިން އުންމީދުކުރެ އެވެ.
Ads by MACL
