ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށް އޭސީސީން އަލުން މަސައްކަތް ފަށައިފި

ވެންޓިލޭޓަރ ޚިޔާނާތުގެ މައްސަލާގައި މަޖުބޫރުން މަޤާމުން އިސްތިޢުފާ ދެއްވި ޢަބްދުﷲ އަމީން ---
ވެންޓިލޭޓަރ ޚިޔާނާތުގެ މައްސަލާގައި މަޖުބޫރުން މަޤާމުން އިސްތިޢުފާ ދެއްވި ޢަބްދުﷲ އަމީން ---

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި އަލުން މަސައްކަތްތައް ފަށާފައިވާކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އޭނާ މިކަން ހާމަކުރެއްވީ، މި މައްސަލައިގައި އެތައް ފަހަރެއްގެ މަތިން ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރުވެސް އަދިވެސް ދައުވާކުރެވިފައިނުވާކަމަށް ފާހަގަކުރައްވަމުންނެވެ.

ޝާމިލް ވިދާޅުވީ އޭސީސީ މިނިވަންވެގެންދިޔައީ 2008 ވަނަ އަހަރުގައިކަމަށާއި، ރާއްޖޭގައި މާލީ މައްސަލަތައް ތަހުގީގުކުރަން ފެށުނު ދުވަސްވަރަކީވެސް އެއީ ކަމަށެވެ. އެދުވަސްވަރު މާރާމާރީތައް ތަހުގީގު ކުރެވޭއިރު ހިޔާނާތުގެ އެކި ބާވަތްތަކުގެ ތަހުގީގުތައްވެސް ހިނގަމުންދިޔަކަމަށާއި، ފުލުހުންގެ މުއައްސަސާ އެމްއެންޑީއެފްއިން ވަކިވެ ތަހުގީގުތައް ފުޅާވެގެންދިޔުމާއިއެކު ރާއްޖޭގެ ތަހުގީގީ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބުނުކަމަށް އޭނާ އަލިއަޅުވައިލެއްވިއެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކުގައި މާލީ ނަޒަރިއްޔާއަކުން ތަހުގީގުތައް ކުރެވިގެންދިޔައީ މީގެ 17 ވަރަކަށް އަހަރު ކުރިންކަމަށް ޝާމިލް ފާހަގަކުރެއްވިއެވެ. ފާއިތުވި 17 އަހަރުގެ މަސައްކަތްތަކަށް ބަލާއިރު 10,117 ތަހުގީގެއް ހިންގިފައިވާކަމަށާއި، އެހެންކަމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 595 މައްސަލައެއް ތަހުގީގުކުރެވިފައިވާކަން ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތްތައް ފެށުނީ 2008 ގައި ނަމަވެސް ފުރަތަމަ 7 އަހަރެއްހާ ދުވަސް އެ މަސައްކަތްތައް އޮތީ ޅަފަތުގައިކަމަށާއި، ރަނގަޅަށް ކުރިއަރައިގެން އައިސްފައިވަނީ އެހިސާބަށްފަހުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭސީސީއިން 432 މައްސަލައެއްގައި ޕްރޮސެކިއުޓަރުންނާއި މަޝްވަރާކުރެވިފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޕްރޮސިކިއުޝަނަށް އެކުލަވާލެވުނު ނިޒާމުގެ ދަށުން ސީދާ ގޮތެއްގައި އެއްވެސް މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމުގެ ފުރުސަތު ނެތްއިރު އެކަން ކުރެވެނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ހުއްދައާއިއެކުކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ނަމަވެސް އެއްބަސްވުމަކަށް އައިސް ފޮނުވަން ބުނުމުން އެގޮތަށް އަމަލުކުރިނަމަވެސް ދައުވާކޮށްދީފައި ނުވާ ހާލަތްތައް ހުރިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައަކީ އެކަމުގެ ރަނގަޅު މިސާލެއްކަމަށާއި، އެތައް ފަހަރެއްގެ މަތިން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރު އަދިވެސް ދައުވާކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާކަންވެސް ޝާމިލް ހާމަކުރެއްވިއެވެ.