ހުޅުމާލޭ އިންޖީނުގޭ އަލިފާނުގެ ހާދިސާ: ފަރުވާދެމުންދިޔަ ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު އަހުމަދު އަޒްމީލް (43 އަހަރު) ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އަޒްމީލް ނިޔާވީ، އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ބޮޑަށް ފިހިގެންނެވެ.
ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަހުމަދު އަޒްމީލް އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާ ދިނުމަށް ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. ހާލުކޮޅު އިތުރަށް ގޯސްވުމުން، ހަށިގަނޑަށް ލިބުނު ބޮޑެތި އަނިޔާތަކަށް ހާއްސަ ފަރުވާ ދިނުމަށް މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ތައިލެންޑަށް ގެންދިޔައީ އެވެ.
Ads by BMLމި ހާދިސާ ހިނގި ފަހުން ސްޓެލްކޯ އިން ވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އޭނާގެ އާއިލާއަށް ދޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، މިދިޔަ ނޮވެމްބަރު 26 ގައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިޔަ އެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ކަރަންޓުގެ ހިދުމަތް ވަނީ ގާއިމުކުރެވިފަ އެވެ.
Ads by MACL
