ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް 10 އަހަރުގެ އެކްސްކްލޫސިވް ފުރުސަތެއް؛ ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި
ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން، 10 އަހަރު ދުވަހުގެ މުއްދަތަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމުގެ "އެކްސްކްލޫސިވް" ހައްގު ލިބޭ ގޮތަށް، އެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދަތުރުފަތުރާއި މަދަނީ ވައިގެ ޚިދުމަތްތަކާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.
މި މަޝްރޫޢު އަލުން އިއުލާނުކޮށްފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުގެ ނިޒާމު (ކަނެކްޓިވިޓީ) ފުޅާކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެހީތެރިވުމުގެ މަގުސަދުގައެވެ. މި މަޝްރޫޢުގެ ދަށުން ހޮވޭ އޮޕަރޭޓަރަކު ކުރަންޖެހޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި؛ ވިޔަފާރި އުސޫލުން ފަތުރުވެރިން އުފުލުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ (މެޑިކަލް އިވެކުއޭޝަން) ޚިދުމަތް ދިނުން ހިމެނެއެވެ. މީގެ އިތުރުން، މީހުން ހޯދުމާއި ސަލާމަތް ކުރުމަށް ހިންގާ "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަންތަކުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ ދަށުން ލާޒިމު ކުރާ ކަމެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި، މި ކޮންޓްރެކްޓް ކާމިޔާބުކުރާ ފަރާތަކަށް 10 އަހަރުގެ މުއްދަތަށް، ރާއްޖޭގައި ވިޔަފާރި އުސޫލުން ހެލިކޮޕްޓަރުގައި ފަސިންޖަރުން އުފުލުމުގެ ޚާއްސަ ހުއްދަ (އެކްސްކްލޫސިވް ރައިޓްސް) ލިބިގެންދާނެއެވެ.
Ads by BMLވުޒާރާއިން ބޭނުންވަނީ ރާއްޖޭގެ މާހައުލާއި، ދަތުރުފަތުރުގައި ހުރި ގޮންޖެހުންތަކަށް އެކަށޭނަ، ފެންވަރު ރަނގަޅު އަދި ތަޖުރިބާހުރި އޮޕަރޭޓަރެކެވެ. އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މިނިސްޓްރީން އާންމުކޮށްފައިވާ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" (އާރް.އެފް.ޕީ) ގައިވާ މިންގަނޑުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވާ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ޕްރޮޕޯސަލް ފޮނުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
