ސްކޫލް ޗުއްޓީއާ ދިމާކޮށް ޢުމްރާވެރިންނަށް ޚާއްސަ ސީދާ ދަތުރުތަކެއް މޯލްޑިވިއަނުން ތަޢާރަފްކޮށްފި
ސްކޫލް ޗުއްޓީއާ ދިމާކޮށް ޢުމްރާވެރިންނަށް ޚާއްސަ ސީދާ ދަތުރުތަކެއް މޯލްޑިވިއަނުން ތަޢާރަފްކޮށްފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މި ދަތުރުތައް ތަޢާރަފްކޮށްފައި މިވަނީ، ކުރިއަށް އޮތް ސްކޫލް ބަންދުގެ ދުވަސްވަރު ޢުމްރާގެ އަޅުކަމަށް ފުރަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ދަތުރުގެ ކަންކަން ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ. އެގޮތުން މާލެއިން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރާ މި ދަތުރުތަކަކީ އާއިލާއެކީ ދަތުރުކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ބޮޑު ލުއިފަސޭހައެއްކަމަށް އެ އެއަރލައިނުން ދެކެއެވެ.
މި ޚާއްސަ އޮޕަރޭޝަންގައި މާލެއިން ޖިއްދާއަށް 3 ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 27 އަދި 28 ވަނަ ދުވަހަށެވެ. އަދި އަޅުކަން ނިންމާލުމަށްފަހު އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުއެވެ. މި ތާރީޚުތަކަކީ ޢުމްރާގެ މަނާސިކުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެހެން ރާވާފައިވާ ތާރީޚުތަކެއްކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.
މި ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ފެށެނީ 750 ޑޮލަރުންނެވެ. ޢުމްރާވެރިންނަށް ދެވޭ ޚާއްސަ އިނާޔަތެއްގެ ގޮތުން، ކޮންމެ ދަތުރުވެރިޔަކަށްވެސް 45 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެއެވެ. މިއީ ޒަމްޒަމް ފެނާއި އަދި އެނޫންވެސް ތަކެތި ގެނައުމަށް ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
Ads by BMLމޯލްޑިވިއަނުން ޢުމްރާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެ އެއަރލައިނުން އަލަށް ގެނައި "ވައިޑް-ބޮޑީ" ނުވަތަ ފުޅާ މަތިންދާބޯޓެވެ. މީގެ އިތުރުން ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ޙައްޖާޖީން އުފުލުމަށް މޯލްޑިވިއަނުން ވަނީ ކާމިޔާބު ދެ ދަތުރު ކޮށްފައެވެ.
ޤައުމީ އެއަރލައިންގެ ފްލީޓު ފުޅާވަމުން އަންނައިރު، މިވަގުތު ޖުމްލަ 25 ބޯޓު އެކުންފުނިން އޮޕަރޭޓްކުރެއެވެ. އޭގެ ތެރޭގައި ވައިޑް ބޮޑީ އެއަރބަސް އޭ330 ގެ އިތުރުން، އޭ320 މަރުކާގެ ބޯޓަކާއި، އޭޓީއާރުގެ 5 ބޯޓު އަދި ޑޭޝް-8 މަރުކާގެ 8 ބޯޓު ހިމެނެއެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތަކާއި ރިސޯޓު ދަތުރުތަކަށް ޚާއްސަ ޓްވިން އޮޓާރ މަރުކާގެ 11 ސީޕްލޭންވެސް މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެއެވެ.
Ads by MACL
