ޚާލިދު އިބްނު ވަލީދުގެ ހަޔާތްޕުޅަށް ހޮލީވުޑްގެ ބޮޑު ފިލްމެއް ހަދަނީ
މާތްﷲގެ ކަނޑިކޮޅު، ސަހާބީ ޚާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ އާލިކް ސަހަރޯވް ޑައިރެކްޓުކޮށް، ސައުދީ އަރަބިއްޔާގައި ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
"އަންބްރޯކެން ސްވޯޑް"ގެ ނަމުގައި، ސައުދީގެ ގިއްދިޔާ ސިޓީގައި އަލަށް ހުޅުވި "ޕްލޭމޭކާ ސްޓޫޑިއޯސް"ގައި އަންނަ އަހަރު ކުރީކޮޅުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސައުދީގެ މުނިފޫހިފިލުވުމުގެ ދާއިރާ ބޮޑު ކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ.
ޑެޑްލައިން ނޫހުން ރިޕޯޓުކުރާ ގޮތުގައި "އަންބްރޯކެން ސްވޯޑް" ޑައިރެކްޓު ކުރައްވަނީ އެޗްބީއޯގެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޑައިރެކްޓަރެއް ކަމަށްވާ އުޒުބެކިސްތާނުގެ އާލިކް ސަހަރޯވް އެވެ. ސަހަރޯވް ވަނީ "ހައުސް އޮފް ކާޑްސް" އާއި "އޮޒާކް" އަދި "މާކޯ ޕޯލޯ" ފަދަ މަޝްހޫރު ސީރީޒްތަކުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި "ހައުސް އޮފް ދަ ޑްރެގަން" އަދި "ދަ ލޯޑް އޮފް ދަ ރިންގްސް"ގައި މަސައްކަތް ކުރެއްވި ރިޗާޑް ޝާކީ ވެސް ހިމެނެ އެވެ. ފިލްމުގެ ކްރޫގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Ads by BMLމި ފިލްމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ސައުދީ އަރަބިއްޔާގެ ގިއްދިޔާ ސިޓީގައި މުޅިން އަލަށް ހުޅުވުނު، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ "ޕްލޭމޭކާ ސްޓޫޑިއޯސް"ގަ އެވެ. މިއީ ވެރިރަށް ރިޔާދުގެ ބޭރުގައި ހިންގާ، އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ޓޫރިޒަމް ދާއިރާގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މެދުއިރުމަތީގެ މުނިފޫހިފިލުވުމުގެ ދާއިރާ ބަދަލުކޮށްލައި، އެ ދާއިރާގައި ސައުދީގެ ބާރު ވަރުގަދަކުރުމަށް ހުޅުވި ތަނެއްގެ ގޮތުގައި "ޕްލޭމޭކާ ސްޓޫޑިއޯސް" ފާހަގަކުރެވެ އެވެ.
މި ފިލްމަކީ ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ އެއްބާރުލުމާއެކު އުފައްދާ ފިލްމެކެވެ. ފައިސާ ހަރަދުކޮށް، ޕްރޮޑިއުސް ކުރަނީ ސައުދީގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ސަރުކާރު ކުންފުންޏެއް ކަމަށްވާ "ސެލާ" އިންނެވެ. "އަންބްރޯކެން ސްވޯޑް"ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅުގައި ފަށާނެ ކަމަށް ލަފާކުރެވޭއިރު، ފިލްމުގެ ކާސްޓު އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
މުޅި ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަދި އެންމެ ކުޅަދާނަ ހަނގުރާމައިގެ ކޮމާންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޚާލިދު އިބްނު ވަލީދު މަޝްހޫރުވެ ވަޑައިގެންފައި ވަނީ އެކަލޭގެފާނުގެ ތޫނުފިލިކަމާއި ލީޑާޝިޕާއި ހަނގުރާމަ ކުރުމުގައި ގެންގުޅުއްވި މޮޅެތި އުކުޅުތަކާއި ހަނގުރާމައިގެ ހުނަރުތަކުގެ ސަބަބުންނެވެ.
ގުރައިޝުންގެ މަހްޒޫމީ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޚާލިދު އިބްނު ވަލީދު އިސްލާމްވެވަޑައިގަތީ ހިޖުރައިން ހަތްވަނަ އަހަރު ހައިބަރު ހަނގުރާމައަށް ފަހުގަ އެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުގައި ހައިބަރު ހަނގުރާމައިގެ ކުރިން އެކަލޭގެފާނަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ލިބިވަޑައިގަތްކަމަށް ވެސްވެ އެވެ.
Ads by MACL
