ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤަވާއިދާ ޚިލާފަށް ހިންގި ދެ ވިޔަފާރިއެއް ބަންދުކޮށް، ދެ ބިދޭސީއެއްގެ މައްސަލަ ބަލަނީ

ޤަވާއިދާ ޚިލާފަށް ހިންގި ދެ ވިޔަފާރިއެއް ބަންދުކޮށް، ދެ ބިދޭސީއެއްގެ މައްސަލަ ބަލަނީ

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ނޭޝަނަލް ޓާސްކްފޯސް ގުޅިގެން، ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ނޯޓިސްއާއެކު ބަންދުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޓާސްކްފޯސް ގުޅިގެން ކަމަށް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ ދަށުން މާލޭގެ ޖުމްލަ އަށް ތަނެއް ވަނީ ބަލާ ފާސްކުރެވިފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ނޯޓިސްއާއެކު ބަންދުކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ ދެ މީހުންނާ ބެހޭ ތަފްސީލެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދަމުންނެވެ.

މިފަދަ އޮޕަރޭޝަންތައް ހިންގަން ފަށާފައިވަނީ ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާތައް ބޮޑުވެ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން ނޮވެންބަރު 27 ގައި އިޢުލާނުކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ދިވެހިންނަށް ވިޔަފާރީގެ ދާއިރާއިން ލިބޭ ފުރުސަތުތައް ރައްކާތެރިކުރުމަށާއި، ގަވާއިދާ ޚިލާފު ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ހުށަހަޅާ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.