ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވައި ނުސާފުވުމުގެ ސަބަބުން މާލެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފި

މާލެ ސަރަހައްދަށް ވައި ނުސާފުވެފައި، -- ފޮޓޯ: ދިޔަރެސް
މާލެ ސަރަހައްދަށް ވައި ނުސާފުވެފައި، -- ފޮޓޯ: ދިޔަރެސް

ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފުވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އޮރެންޖު އެލާޓު ނެރެފައެވެ. މި ޙާލަތުގައި، ޕާޓިކިއުލޭޓް މެޓާ (ޕީއެމް 2.5) ގެ މިންވަރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށްވުރެ 8.4 ގުނަ އިތުރުކަމަށް އައިކިއުއެއާ ވެބްސައިޓުން ވަނީ ދައްކާފައެވެ.

އައިކިއުއެއާ ވެބްސައިޓުން ދައްކާގޮތުން، މާލެ ސަރަޙައްދުގައި ޕީއެމް 2.5 ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގައެވެ. މިއީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށްވުރެ ގިނަ އަދަދެއްކަމުން، ސިއްޙީ ގޮތުން ނުރައްކާތެރި ޙާލަތެކެވެ. މި އަދަދު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ 8.4 ގުނަ އިތުރުކަމަށް އައިކިއުއެއާއިން ފާހަގަކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، ވައި ނުސާފުވުމުން ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށާއި އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނާޒުކު ޙާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، ޢުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބަލިތަކަށް ފަރުވާކުރާ މީހުން، އަދި އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނެއެވެ. މި ފަރާތްތަކުން ވަކި ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮފައެވެ. އެގޮތުން، ނާޒުކު ޙާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަންޖެހޭ ޙާލަތްތަކުގައި މާސްކު އެޅުމަށް އިރުޝާދު ދީފައިވެއެވެ. އަދި، ވައި ނުވަންނަހެން ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެ އެޖެންސީއިން ވަނީ އެދިފައެވެ.

މީގެއިތުރުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރަށް ނިކުމެ، ކަސްރަތުކުރުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮފައެވެ. މާލެ ސަރަޙައްދަށް ވައި ނުސާފުވުމުގެ ސަބަބުން މިހާރު އޮރެންޖު އެލާޓު ނެރެފައިވާއިރު، ކުރިއަށް އޮތް ހަފްތާގައިވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިއްޔެ ބުނެފައެވެ.