ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހުންގެ އުމްރާނީ ވަސީލަތްތަކަކީ އަގު ނުކުރެވޭ އިންވެސްޓްމަންޓެއް: ވަޒީރު އިހްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން -- ފޮޓޯ: ފުލުހުންގެ އިދާރާ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން -- ފޮޓޯ: ފުލުހުންގެ އިދާރާ

ފުލުހުންގެ އުމްރާނީ ވަސީލަތްތަކަކީ އަގު ނުކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވަޒީރު އިހްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އަގު ބޮޑު ނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ރ. މާކުރަތުގައި އަލަށް ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން، މި ދައުރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ނިންމި 2ވަނަ ފުލުހުންގެ މަރުކަޒަކީ، ރ. މާކުރަތުގައި ހުޅުވުނު މަރުކަޒެވެ. މީގެ ކުރިން ފުލުހުންގެ ޚިދުމަތް ނުލިބޭ ރަށެއްގެ ގޮތުގައި މާކުރަތު އޮތް ނަމަވެސް، މިހާރު އެ ރަށުގައި ވަނީ ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަލީ އިހްސާން ވިދާޅުވީ، މާކުރަތުގައި ފުލުހުންގެ ޚިދުމަތް ފަށައި، ޚާއްސަ މަރުކަޒެއްގައި ޚިދުމަތް ދެމުންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުވިގެންދާ ދެވަނަ މަރުކަޒުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި، މިވަގުތު މަސައްކަތް ހިނގަމުންދާ 140 އަށްވުރެ ގިނަ އިމާރާތުގެ ޕްރޮޖެކްޓްތައް ނިންމައި، ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތަށް އެތަންތަން ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ، ދިވެހި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ފުލުހުންގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅަށް ފުރިހަމަކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވިގޮތަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ. ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ތަރައްޤީއަކީ އަގު ބޮޑު ނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓްތަކެއް ކަމަށް އެމަނިކުފާނު މި ފަހަރުވެސް ތަކުރާރުކުރެއްވިއެވެ. ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއަކީ އަމަންއަމާންކަން ފުރިހަމައަށް ޤާއިމްވެފައިވާ ގައުމަކަށް ހެދުމަށް ކުރައްވާ ބުރަ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މަރުކަޒުތައް ޤާއިމްވުމާއެކު، ކުށުގެ ވެއްޓައް އަރައިގަންނަމުންދާ މީހުންނަށް ޖެހިލުންވެ، ހިތަށް ބިރުވެރިކަން އަންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު، ފުލުހުންނަށް ކުށުގެ މާހައުލުން ދުރުކުރުމަށްޓަކައި ގާތުން މަސައްކަތް ކުރެވެން ފަށާނެކަމަށާއި، ދިވެހި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފުލުހުން ގާތުގައި ތިބެ ޚިދުމަތް ދޭން ފަށާނެކަމަށް ވިދާޅުވިއެވެ. މަރުކަޒުތަކަށް ހުށައެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި މިހާރު ފަސޭހަ އިންފްރާސްޓްރަކްޗަރ ޤާއިމްވެފައި ހުންނާނެކަމަށްވެސް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމުގެ މާހައުލު ނައްތާލުމާއި، ޤަވާއިދާ ޚިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންދާ ދިއުން ހުއްޓުވުމާއި، ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއްކަމަށެވެ. ރ. މާކުރަތުގައި ހުޅުވިގެން މިދިޔަ ފުލުހުންގެ މަރުކަޒުންވެސް މިކަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.