ކޯޗަށް ފާޑުކިޔުމާ ގުޅިގެން ސްކޮޑުން ބާކީކުރި ސަލާހު، ބްރައިޓަން މެޗަށް ނަގައިފި
ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު، ފާއިތުވި ހަފްތާގައި ކޯޗު އާނާ ސްލޮޓް އާއި ކްލަބްގެ އިސް މެނޭޖްމަންޓަށް ފާޑުކިޔައި ދިން އިންޓަވިއުއަކާ ގުޅިގެން ސްކޮޑުން ބާކީކުރި ނަމަވެސް، މިހާރު ވަނީ ސްލޮޓްއާ ބައްދަލުކޮށް ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ފަހު އަލުން ޓީމަށް ނަގާފަ އެވެ. މިރޭ ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ހިމަނާފައިވާ ކަމަށް ލިވަޕޫލުން ބުނެ އެވެ.
ސަލާހުގެ މައްސަލަ ހޫނުވީ މިދިޔަ ހަފްތާގައި ލީޑްސް ޔުނައިޓެޑާ 3-3 އިން ލިވަޕޫލް އެއްވަރުވި މެޗަށް ފަހު ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުއިން އޭނާ ވަނީ ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ އިތުރުން ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މި ކަމާ ގުޅިގެން ލިވަޕޫލުން ވަނީ އަންގާރަ ދުވަހުގެރޭ އިންޓަ މިލާން އަތުން 1-0 އިން މޮޅުވި ޗެމްޕިއަންސް ލީގު މެޗަށް ނެގި ސްކޮޑުން ސަލާހު ބާކީކޮށްފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސްލޮޓާއި ސަލާހުގެ މެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ހުރި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދައި، ކްލަބްގެ މަސްލަހަތު އިސްކުރުމަށް އެއްބަސްވެފަ އެވެ. މި އެއްބަސްވުމަށް ފަހު، މިރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް ސަލާހު ވަނީ އަލުން ހިމަނާފަ އެވެ.
Ads by BMLބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗަކީ، ސަލާހު އެފްރިކަން ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) އަށް ދިއުމުގެ ކުރިން ލިވަޕޫލަށް ކުޅޭނެ އެންމެ ފަހު މެޗެވެ. މޮރޮކޯގައި ފެށޭ އެފްރިކަން ކަޕްގައި ވާދަކުރާ މިސްރު ޓީމާ ގުޅުމަށް ސަލާހު މި މެޗަށް ފަހު ދާނެ އެވެ. އަދި، މި މައްސަލައާ ގުޅިގެން ސަލާހުގެ ޓްރާންސްފާގެ ވާހަކަތައް ދެކެވިފައިވާތީ، އޭނާގެ އޭޖެންޓް ރެމީ އައްބާސްއާ އެކު، ލިވަޕޫލްގެ މެނޭޖްމަންޓުން އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ސަލާހު ވަނީ މިދިޔަ ސީޒަނަށް ފަހު ލިވަޕޫލާ އެކު އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާކޮށްފަ އެވެ.
Ads by MACL
